އެންމެ ކައިރި އުޑާއި އެ އުޑު (މިލްކީވޭ ގެލެކްސީ) ރައްކާތެރި ކުރެވިފައިވާ ގޮތް: ޤުރުއާން އާއި ސައިންސްގެ އަލީގައި އައު ވިސްނުމެއް

މުޙައްމަދު ޖަމީލް (18 މަރޗް 2023)

ފެށުން

އިންސާނުން ކުރިން ހީކުރަމުން އައިސްފައިވަނީ އުޑުމަތިން އަޅުގަނޑުމެންގެ ލޮލަށް ފެންނަ ތަރިތައް ހުންނަ މިލްކީވޭ ގެލެކްސީ އަކީ މުޅި ކައުނު (ޔުނިވާރސް) ކަމުގައެވެ. އަޅުގަނޑުމެންގެ މި ވިސްނުން ބަދަލުވެގެން ދިޔައީ ނަވާރަ ސަތޭކައިގެ ކުރީކޮޅުގައި އެމެރިކާއަށް އުފަން އެސްޓްރޮނޮމާ، އެޑްވިން ހަބަލް، ޓެލެކްސްކޯޕެއްގެ އެހީގައި އެންޑްރޮމެޑާ އޭ ކިޔަމުންދިޔަ ނެބިއުލާގެ ތެރެއިން ވަކިޕެޓާނަކަށް އޭގެއަލި ބަދަލުވާ “ސީފީޑް ވޭރިއަބަލް” ތަރިތަކެއް ދެކެވަޑައިގަތް ހިސާބުންނެވެ. މިފަދަ ތަރިތަކުގެ އެހީގައި ދުރުމިން ބެލޭނެގޮތެއް “ހެންރިއެޓާ ލީވިޓް” އޭރު ވަނީ ތަޢާރަފް ކުރައްވާފައެވެ. ކޮންމެއަކަސް ހަބަލް ހޯއްދެވި ހޯއްދެވުމުން، މި ތަރިތަކަކީ އަޅުގަނޑުމެންގެ ގެލެކްސީ، “މިލްކީވޭ” ގެ ތަރިތަކެއް ކަމުގައި ނިންމޭނެ ވަރަށްވުރެ މާ ދުރު ތަރިތަކެއް ކަމަށް ދެކެވަޑައިގަތެވެ. އަދި އޭރު “އެންޑްރޮމެޑާ ނެބިއުލާ” އޭ މީހުން ކިޔަމުން އައި އެއްޗަކީ ހަޤީގަތުގައި ނެބިއުލާއެއް ނޫންކަމަށާއި އަދި އެއީ އަޅުގަނޑުމެންގެ ގެލެކްސީގެ ބޭރުގައިވާ ގެލްކްސީއެއްކަން އެނގިވަޑައިގަތެވެ. މިއީ މިލްކީވޭ ފިޔަވާ އެހެން ގެލެކްސީތައް ކައުނުގައި ވާކަން އެނގުނު ފުރަތަމަ ފަހަރެވެ. މިލްކީވޭގެ ބޭރުން ފެނުނު ގެލެކްސީތަކުން ލިބުނު މަޢުލޫމާތުތަކުން ޔުނިވާރސް އެކްސްޕޭންޑް ވަމުންދާކަންވެސް ހަބަލްއަށް އެނގި ވަޑައިގަތެވެ. ނަތީޖާއެއްގެ ގޮތުން އެމަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މަޝްހޫރު “ބިގް-ބޭންގ” ތިއަރީ ވުޖޫދަށް އައެވެ. ކާއިނާތާއި ބެހޭގޮތުން އަޅުގަނޑުމެންނަށް އެނގޭ މަޢުލޫމާތު ފުޅާކޮށް ދިނުމުގައި ޖަައްވަށް ފޮނުވާ ޕްރޯބްސް ފަދަ އާލާތްތަކާއި، ބިމާއި ޖައްވުގައި ބަހައްޓާފައިވާ އެކިބާވަތުގެ ޓެކްނޮލޮޖީ ބޭނުންކުރާ ޓެލެސްކޯޕްތައް މުހިއްމު ދައުރެއް އަދާ ކުރަމުންދެއެވެ. މީގެ އެހީގައި މިހާހިސާބަށް ސޯލާސިސްޓަމް ފަދަ 3969 ޕްލެނެޓަރީ ސިސްޓަމް ފެނިފައިވެއެވެ.މިއަދާ ހަމަޔަށް އެނގިފައިވާ މައުލޫމާތުތަކުން އަޅުގަނޑުމެންގެ ގެލެކްސީގެ ބޮޑުކަމާއި ކައުނުގެ ބިޔަކަމާއި ބޯ މަތީގައިވާ އުޑާއި ދިރިއުޅޭ ބިން ހިމާޔަތްކޮށް ރައްކާތެރި ކުރެވިފައިވާ ގޮތް ކޮންމެ ވެސް ވަރަކަށް އެނގެއެވެ. މި މަޒްމޫނުގައި އަޅުގަނޑު ބަލާލާނީ މި ކަންކަމުގެ މައްޗަށެވެ. 

މިލްކީވޭ ގެލެކްސީ އާއި ގާތުގައިވާ އެހެން ގެލެކްސީތައް

އެހެން ގެލެކްސީ ތަކެކޭ އެއްފަދައިން މިލްކީވޭ އުފެދިފައި ވަނީ “ޕްރޮޓޯ ގެލެކްޓިކް ކްލައުޑް” އޭ ކިޔާ ގޭހާއި ހިރަފުހުގެ ދުންގަނޑަކުން އެވެ. މި ދުންގަނޑު ގްރެވިޓީގެ ސަބަބުން ގާތަށް ލެފެމުން އައިސް އެންމެފަހުން ވަށައި އެނބުރެންފެށިކަމަށް ސައިންސްވެރިން ލަފާކުރެ އެވެ. ނަތީޖާއެއްގެ ގޮތުން މެދު ބޮޑުކޮށް ހުރި ޑިސްކެއްގެ ސިފަޔަށް މިލްކީވޭ އުފެދުނެވެ. ގްރެވިޓީގެ ސަބަބުން ޑިސްކުގައި ހުރި ގޭސް އެކި ތަންތަނަށް ޖަމާވެ އިރުފަދަ ތަރިތަކާއި ތަރިފުނިތައް (ކްލަސްޓާރސް) އުފެދުނެވެ. މިލްކީވޭގައި މިގޮތަށް އުފެދޭ ތަރިތައް ފަނާވަމުން ދާއިރު ދޫކޮށްލާ ސާމާނު ގޭހާއި އެކުވެ، ނެބިއުލާތައް އުފެދި އެހެން ތަރިތަކާއި ޕްލެނެޓްރީ ސިސްޓަމްތައް އަލުން އުފަންވަމުން ދެއެވެ. އަޅުގަނޑުމެންގެ އިރުގެ ނިޒާމް އުފެދިފައި ވަނީ އެފަދަ ނެބިއުލާއަކުންނެވެ.  ބިން ހިމެނެނީ އެ އިރުގެ ނިޒާމުގައެވެ. ދިގުމުދަތެއްގެ ތެރޭގައި މިތަރިތަކާއި ތަރިފުނިތައް ޑިސްކްގެ ތެރޭ އެނބުރި، މިހާރު ގެލެކްސީއިން މި ފެންނަ ސްޕައިރަލް އާމް އުފެދުނެވެ. ކީރިތި ޤުރުއާނުގައި އުޑުހެއްދެވިގޮތް سورة فصلت ގެ 11 ވަނަ އާޔަތުގައި ވަނީ ތިރީގައިވާ ގޮތަށެވެ.

ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ﴿١١﴾

ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަ ކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް وحى ކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ. (ޤުރުއާން 41:11).

އަޅުގަނޑުމެންގެ ގެލެކްސީގައި ހުންނަ ތަރިތައް ގުނުމަކީ ވަރަށް އުދަގޫ ކަމެކެވެ. އަދި އަޅުގަނޑުމެންގެ ލޮލަށް ފެންނަ ހުރިހާ ތަރިތަކަކީ މިލްކީވޭގެ ތަރިތަކެވެ. އަންދާޒާ ކުރެވޭގޮތުގައި މިލްކީވޭގައި 100 ބިލިޔަން އާއި 400 ބިލިޔަން އާއި ދެމެދުގެ އަދަދަކަށް އެކި ބޮޑުމިނުގެ، އެކި އުމުރުގެ އެކި މިންވަރަށް އަލިދޭ ތަރިތައް ވެއެވެ. ދުނިޔެއާއި އެންމެ ކައިރި ތަރިއަކީ 8.3 އަލިމިނެޓް ދުރުގައިވާ އިރެވެ. “އަލިމިނެޓް” ގެ މާނަޔަކީ މިނެޓަކު އަލި ދަތުރުކުރާ ދުރުމިނެވެ. ދެން 4.2 އަލި-އަހަރު ދުރުގައިވާ ޕްރޮކްސިމާ ސެންޓޯރީ އެވެ.  މިލްކީވޭގެ ގިނަ ތަރިތަކަކީ ލޮލަށް ފެންނަވަރަށްވުރެ އަލިފަނޑުތަރިތަކެވެ. އަދި އޭގެ އިތުރަށް ގިނަތަރިތައް ވަރަށް ދުރުވުމާއި އަދި އެ ތަރިތަކުގެ އަލި ތަރިތަކުގެ ދެމެދުގައި ހުންނަ ގޭހާއި ހިރަފުހުގެ ސަބަބުން ހަމަލޮލަށް ވިޔަސް އަދި އެންމެ ބާރުގަދަ ޓެލެސްކޯޕްތަކުގެ އެހީގައި ވިޔަސް ނުފެނެއެވެ. ވުމާއެކު އަޅުގަނޑުމެންނަށް ވަކިވަކިން މި ފެންނަނީ މިލްކީވޭގެ ތަރިތަކުގެ ތެރެއިން މަދު މިންވަރެއްގެ ތަރިތަކެކެވެ. އަދި އޭގެ އިތުރަށް %85 މިލްކީވޭގެ ގެލެކްސީގައިވާ ތަކެއްޗަކީ ޑާރކްމެޓާއެވެ. މިތަކެތި ހުންނަކަން އެނގެނީ އެ ތަކެތީގެ ގްރެވިޓީގެ ބާރުން ފެންނަތަކެތީ ދައުރުކުރުމަށް ބަދަލު އަންނަތަން ފެންނާތީއެވެ. އެ ތަކެއްޗަކީ ކޮން ބައްޓަންތަކެއްގެ އެއްޗެތިކަމެއް އަދި ކިހިނެއް ހުންނަ އެއްޗެތި ކަމެއްވެސް ނޭގެއެވެ. މިތަކެތިން އެއްވެސް ބާވަތެއްގެ އެލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަނެއް ދޫކޮށް އަދި އެބްޒޯބުކޮށް ވެސް ނުހަދާތީވެ، ޣައިބުގައިވާ މިތަކެތީގެ މާބޮޑު މައުލޫމާތެއް ނޭގެއެވެ. ޖިންނި ޝައިޡާނުން ދިރިއުޅޭ ބިންބިން އުފެދިފައިވަނީ ޑާކް މެޓާއިންބާވައޭ އަޅުގަނޑު ހިތައް އަރައެވެ. މިލްކީވޭގައި ތަރިތައް ވަނީ 100،000 އަލިއަހަރުގެ ފުޅާ ޑިސްކެއްގައެވެ. އަލި-އަހަރު އަކީ އެސްޓްރޯނޮމީގައި ދުރުމިން ބަލަން ބޭނުން ކުރާ މިންގަޑެކެވެ. 1 އަލި-އަހަރު އެއީ 9.4 ޓްރިލިއަން ކިލޯމީޓަރެވެ.  ފަހުގެ ހޯދުންތަކުން ދައްކަނީ މިލްކީވޭގެ މެދުގައި “ސެޖިޓޭރިއަސް އޭ ސްޓާރ” ކިޔާ ބިޔަ ބްލެކްހޯލެއް ވާކަމުގައެވެ. އަޅުގަނޑުމެންގެ ސޯލާ ސިސްޓަމް ވަނީ މިލްކީވޭ ގެލެކްސީގެ މެދުން 25،000 އަލި- އަހަރުގެ ދުރުމިނުގައެވެ. އިރުގެ ވަށައި ދުނިޔެ އަރަކު އެއްފަހަރު ދައުރުކުރާ ފަދައިން، ސޯލާ ސިސްޓަމް ވެސް ގެލެކްސީގެ މެދުގެ ވަށައިގެން 250 މިލިޔަން އަހަރުން ބުރެއް ޖަހައެވެ. 

 

މިލްކީވޭ ގެ ކުޑަ ސަރަހައްދެއް ބޮޑުކޮށްލުމުން ފެންނަގޮތް. ފޮޓޯ 
  NASA, ESA, W. Clarkson (Indiana University and UCLA), and K. Sahu (STScl)

މިލްކީވޭ ގެލެކްސީ ވަނީ “ލޯކަލް ގްރޫޕް” އޭ ކިޔާ ގެލްކްސީ ތަކެއްގެ ތެރޭގައެވެ. މި ގްރޫޕްގައި އެކިވަރުވަރުގެ 30 ވަރަކަށް ގެލެކްސީ ވެއެވެ. މި ގެލެކްސީތައް 10 މިލިޔަން އަލިއަހަރުގެ ދުރުމިނަށް ފެތުރިފައިވެއެވެ. M31 އާއި މިލްކީވޭއަކީ އެންމެ ބޮޑެތި ގެލެކްސީ ތަކުގެތެރޭ ހިމެނޭ ތަކެއްޗެވެ. މި ދެގެލެކްސީއާ އެކު ކުދި ޑްވާފް ގެލެކްސީ ތަކެއްވެސް ވެއެވެ. އެންމެ ކައިރީގައި ވާ އެއް ގެލެކްސީ އަކީ “ކެނިސް މޭޖާރ ޑްވާފް ގެލެކްސީ” އެވެ. މި ގެލެކްސީ އަކީ ސޯލާސިސްޓަމަށް ވުރެ 25،000 އަލި އަހަރު (236 ޒިލިޔަން ކިލޯމީޓަރު) ދުރު ގައިވާ ގެލެކްސީ އެކެވެ. އަޅުގަނޑުމެންނާއި އެންމެ ކައިރީގައި ވާ ބޮޑު ގެލެކްސީ އަކީ “އެންޑްރޮމެޑާ” ގެލެކްސީ އެވެ. މި ގެލެކްސީ ވަނީ 152،000 އަލި އަހަރު ދުރުގައެވެ. މިލްކީވޭގެ ބޭރުން އެއްވެސް އެހެން ގެލެކްސީއެއްގެ ތަރިތަކެއް ޓެލެސްކޯޕަކާއި ނުލައި ވަކިވަކިން ނުފެނެއެވެ. ފެންނަ ކޮންމެ ގެލެކްސީއެއް ފެންނަނީ އެތައް މިލިޔަން ތަރިތަކެއް އެކުލެވިގެންވާ އަލިކޮޅުތަކެއްގެ ގޮތުގައެވެ. އެމީހެއްގެ ލޮލުގެ ފެނުމުގެ ޤާބިލްކަން ހުރި މިންވަރަކުން ހަނދު އަރާފައި ނުހުންނަ ރޭރޭ، ވިލާ މަދު އަދި ސިޓީ ލައިޓް ނުހުންނަ ނަމަ 2 ގެލެކްސީއާއި 7 ގެލެކްސީ އާއި ދެމެދުގެ މިންވަރެއް އެކިބަހައްޓަމަށް ހުންނަ އަލިކޮޅުތަކެއްގެ ގޮތުގައި ފެނެއެވެ. މި ގޮތުން މިލްކީވޭ އިތުރުން ބޮޑު އަދި ކުޑަ މެގްލެނިކް ކްލައުޑާއި އެންޑްރޮމެޑާ އާއި ޓްރަންގްލަމް ގެލެކްސީ ވެސް ފެނެއެވެ. މިތަކެއްޗަކީ އަޅުގަނޑުމެން ގެލެކްސީގެ އެންމެ ކައިރީގައިވާ ތަކެއްޗެވެ. ހަބަލް ފަދަ ބާރުގަދަ ޓެލެސްކޯޕަކުން ބެލުމުން އެތައް މިލިޔަން ގެލެކްސީ ފެނެއެވެ، އަދި އެންމެ ކައިރީގައިވާ ގެލެކްސީތަކުގެ ބައެއް ތަރިތައް ވަކިވަކިން ފެނެއެވެ.

ހަބަލް ޓެލެސްކޯޕުންނަގާފައިވާ އެކި ބައްޓަމަށް ހުރި ގެލެކްސީތަކެއް. ފޮޓޯ- NASA/ESA

އަޅުގަނޑުމެންގެ ދުނިޔެއާއި ސޯލާ ސިސްޓަމްވަނީ މިލްކީވޭގައި ކަމުގައިވާތީ، ކިތައްމެ ދުރެއްގައި ހުރި އެއްޗެއް ބެލިޔަސް ބަލަން ޖެހޭނީ މިލްކީވޭ ގެ ތަރިތަކުގެ ތެރެއިންނެވެ. ވުމާއެކު އަޅުގަނޑުމެންގެ އުޑުމަތިން ފެންނަ ތަރިތަކުގެ ތެރެއިން އެހެންގެލްކްސީ ތަކާއި އެކަހެރިކޮށް ހުންނަތަރިތަކާ އަދި އެހެނިހެން ސާމާނުފެނެއެވެ. ތިރީގައި ފޮޓޯއިން ފެންނަ ރަތް ކުލައިގެ ފަނޑު ތިއްކަކީ މިހާ ހިސާބަށް ފެނުނު އެންމެ ދުރުގައިވާ ތަރިއެވެ. މި ފޮޓޯގައި މިވާ އަލިއަކީ 12.9 ބިލިޔަން އަހަރުކުރިން އެތަރިން ދޫކުރި އަލި އެވެ. އޭރު މިތަރީއަކީ އިރަށްވުރެ 50 ގުނަ ބޮޑު އަދި މިލިޔަންގުނަ އަލިގަދަ ތަރިއެކެވެ. ދުރުގައި ހުންނަ ގެލެކްސީތަކާއި ތަރިތައް އަލިގަދަ ނަމަވެސް އެތަކެތި ދުރުވުމާއި އަދި ސްޕޭސް އެކްސްޕޭންޑްވާތީ އަލި ރެޑް ޝިފްޓް ވެގެން ރަތްކުލައިގައި ފެނެއެވެ. މިހާރު  12.9 ބިލިޔަން އަހަރުފަހުން މިތަރީގެ ބަރުދަން ދަށްވެފައިވާނޭ ކަމުގައި ސައިންސްވެރިން ވިދާޅުވެއެވެ.

މިހާ ހިސާބަށް ފެނިފައިވާ އެންމެ ދުރުތަރި އެރެންޑްލް.
 NASA, ESA, Brian Welch (JHU), Dan Coe (STScI)
(Image processing: NASA, ESA, Alyssa Pagan (STScI

ޔުނިވާރސް އެކްސްޕޭންޑްވާތީ އޮބްޒާވް ކުރެވޭ ދުރުމިން ވަކިމިނެއްގައި ހުރޭ

ދުރުގައިވާ ގެލެކްސީތަކާއި ތަރިތަކުގެ މައުލޫމާތު ހޯދަން ބޭނުންކުރާ އާލާތްތަކަކީ އެލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަންގެ ބޭނުންކުރާ އާލާތްތަކެވެ. މިގޮތުން މައިކްރޯވޭވް އާއި އިންފްރާ ރެޑްވޭވްސް އާއި ރޭޑިއޯވޭވްސްއާޢި ގެމަރޭސް އަދި އަލި މިފަދަ އާލާތްތަށް ބޭނުންކުރެއެވެ. ވީމާ މިފަދަ އާލާތްތަކުން ބެލެނީ މިފަދަރޭޑިއޭޝަން ދޫކުރާ ނުވަތަ އެބްޒޯބްކުރާ ތަކެއްޗެވެ. މި ލިމިޓޭޝަން ހުރުމާއެކު މިއަދު ލިބެން ހުރި ޓެކްނޮލޮޖީއިން އަޅުގަނޑުމެންނަށް އޮބްޒާވް ކުރެވެނީ 13.8 ބިލިޔަން އަހަރަށް ވުރެ ފަހުގެ ތަކެއްޗެވެ. ޔުނިވާރސް އެކްސްޕޭންޑްވަމުން ދާތީ އާއި އެކްސްޕޭންޝަން ރޭޓް މަތިވަމުން ގޮސް އަލީގެ ސްޕީޑަށްވުރެ ބާރަށް ދާތީއެވެ. މިގޮތަށް ބައެއް ސައިންސްވެރިން ބުނިކަމުގައިވިޔަސް ސްޕޭސް އެކްސްޕޭންޑްވާތީ އަލީގެ ސްޕީޑްފަހަނަޅާ ނުދާކަމުގައި އަނެއްބަޔަކު ބުނެއެވެ.  ހަބަލް ކޮންސްޓެންޓް ބުނާ ގޮތުން ކޮންމެ 3.26 މިލިޔަން އަލި އަހަރު ދުރަށްދާވަރަކަށް ތަކެތީގެ ސްޕީޑް ސިކުންތަކު 74 ކިލޯމީޓަރު އިތުރުވެއެވެ. ހަބަލް ކޮންސްޓެންޓް އެކި މެޝަމަންޓް ތަކުން ތަފާތެއް ހުންނާތީ މިދެންނެވި އަދަދު ކޮންމެވެސް ވަރަކަށް ފަރަގު ހުންނާނެއެވެ. ކޮންމެގޮތެއް ވިޔަސް ސްޕޭސް އެކްސްޕޭންޑްވާ ސްޕީޑް އަލިއަށްވުރެ މަތިނަމަ އެ ސަރަހައްދެއްގައި ހުންނަ ގެލްކްސީތަކާއި ތަރިތަކުން ދޫކުރާ އަލި އަޅުގަނޑުމެންނާއި ހަމަޔަށް ވާސިލްނުވާނެއެވެ. މީގެ ރަނގަޅު މިސާލަކީ އެއާރޕޯޓެއްގެ ކޮންވޭޔާ ބެލްޓެއްގެ މަތީގައި ހުރިމީހަކު ފަހަތަށް އެބުރި އަންނަ ސްޕީޑަށްވުރެ ބާރަށް ކޮންވޭޔާރ ބެލްޓްކުރިއަށް ދާނަމަ އެމީހާއަކަށް ދުވަހަކުވެސް އޭގެ ފަހަތުގައި، ތަޅުންމަތީ ހުރިމީހަކާއި ހަމަޔަކަށް ނާދެވޭނެއެވެ. އަޅުގަނޑުމެންގެ އޮޕްޓިކަލް ޓެލެސްކޯޕްތަކުން ފެންނަ އެންމެ ދުރުގައިވާ ތަރިތަކުގެ އަލިވެސް އެތަކެތީގެ ސްޕީޑްމަތިކަމުން އޭގެން ދޫކުރާ އަލީގެ ރާޅުތަކުގެ ވޭވްލެންތް ދިގުވެ (ރެޑްޝިފްޓް) ރަތްކުލައިގައި ފެނެއެވެ. އަދި މާ ބޮޑަށް ވޭވްލެންތް މަތިވެއްޖެނަމަ އަޅުގަނޑުމެންގެ ލޮލަށް އެތަކެތި ގެއްލިދެއެވެ. އެހިސާބުން އެރޭޑިއޭޝަން ޑިޓެކްކުރަންޖެހެނީ މައިކްރޯވޭވް (މަތީ ފްރިކްއެންސީގެ ރޭޑިއޯ ވޭވްސް) ފަދަ ޓެކްނޮލޮޖީއެއް ބޭނުންކުރާ އާލަތްތަކުންނެވެ. ރޭޑިއޯވޭސްއިން ޑިޓެކްޓް ނުކުރުވުނުމަ އެ ފަދަ ތަކެތި އަޅުގަނޑުމެންނަށް އޮބްޒާވް ކުރެވޭވަރަށްވުރެ ދުރުގައި ވަނީއެވެ.  އަންދާސާކުރެވޭގޮތުގައި އޮބްޒާވަބަލް  ޔުނިވާރސްގެ ފުޅާ މިނަކީ 46.5 ބިލިޔަން އަލިއަހަރެވެ. އެހެނަސް ކޮންމެ ހިނދުކޮޅެއްގައިވެސް ތަކެތީގެ ދެމެދުގައިވާ ސްޕޭސްވެސް ދަނީ ބޮޑުވަމުން ކަން ހަނދާންކޮށްލަން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް އޮބްޒާވް ނުވާހާ ދުރަށް ގެލެކްސީތަކާއި ތަރިތައް އަބަދުމެ ގޮސްގޮސްވެއެވެ. 

މިލްކީވޭއިން ބޭރަށް ދެވިދާނެތަ؟

މިހާ ހިސާބަށް އެރުވުނު މައުލޫމާތުތަކަށް ބަލާއިރު މިލްކީވޭގެ ބިޔަކަމާއި އިރުފިޔަވައި އެންމެ ގާތުގައިވާ ތަރި އާއި އެންމެ ގާތުގައިވާ ކުަޑަ ގެލެކްސީ އެއްގެ ދުރު މިން އިހުސާސް ކުރެއްވޭނެއެވެ. ތިރީގައި ދީފައިވަނީ، ގަޑިޔަކު 40000 ކިލޯމީޓަރުގެ ބާރަށް ދަތުރުކުރާ ޖައްވީ އުޅަނދަކަށް އެންމެ ގާތުގައި އިރުފިޔަވައިވާ ތަރި، ޕްރޮކްސިމާ ސެންޓޯރީ އަށާއި އެންމެ ގާތުގައި ގެލެކްސީ އެއް ކަމުގައިވާ، ކެނިސްމޭޖާރ ޑްވާފް ގެލެކްސީ އާއި ހަމަޔަށް ދެވޭނޭ މުއްދަތެވެ.

* ޕްރޮކްސިމާ ސެންޓޯރީ:  4.2 އަލި-އަހަރު ދުރު.   ދެވޭނެ މުއްދަތު: 2.7 މިލިޔަން އަހަރު
* ކެނިސްމޭޖާރ ޑްވާފް ގެލެކްސީ: 25000 އަލި-އަހަރު ދުރު.   ދެވޭނެ މުއްދަތު: 16 ބިލިޔަން އަހަރު

މިގޮތަށް މި މައުލޫމާތު ދިނަސް މިލްކީވޭ އާއި އެހެނިހެން ގެލެކްސީތަކާއި އަދި ހުރިހާ އެއްޗެއް އެކަތި އަނެއްކެއްޗާއި ކޮންމެ ހިނދުކޮޅެއްގައި ވެސް ދަނީ ދުރުވަމުންނެވެ.  ވުމާއެކު މަތީގައި ދީފައިވާ ދުރުމިންތައް އެތައް ގުނައެއް އިތުރުވެ އެ ތަކެއްޗާއި ހަމަޔަށް ވާޞިލްވާން ނަގާ މުއްދަތު ވެސް ދިގުވަމުންދާނެއެވެ.

1990 ގައި ވޮޔޭޖާރ 1 ން ދުނިޔޭގެ (މެދުގައިވާ ތިކި) މި ފޮޓޯ ނަގާފައިވަނީ ދުނިޔެއާއި 6 ބިލިޔަން ކިލޯމީޓަރު ދުރުން: ފޮޓޯ: NASA

އެއްވެސް ބޮޑު މާއްދީ އެއްޗަކަށް އަލީގެ ސްޕީޑްގައި ނުވަތަ އެއަށް ވުރެ ބާރަކަށް ނުދެވޭނެއެވެ. %99 އަލީގެ ސްޕީޑްގައި ސްޕޭސް ޝަޓްލް، އެޓްލާންޓިސް ދަތުރުކުރަން ބޭނުންވާ ހަކަތަ ބަލާލާނަމެވެ. މި އުޅަނދުގެ ބަރުދަނަކީ 17.8 ޓަނެވެ. ރެލެޓިވިޓިވިސްޓިކް ފޯމިއުލާ ބޭނުންކޮށްގެން ހިސާބު ހެދުމުން ދައްކަނީ، މި ބުރަދަނުގެ އެއްޗެއް %99 އަލީގެ ސްޕީޑްއަށް ވާސިލްވާން ދޭންޖެހޭ “ބާރު” އެއަށް ދިނުމަށްޓަކައި ބޭނުންވާ ހަކަތައަކީ (އިންޓަނޭޝަނަލް އެނާޖީ އެޖެންސީ ގެ ހިސާބުތަކުންދައްކާ) މުޅިދުނިޔޭގައި 2019 ގައި ބޭނުންކުރި ހަކަތައިގެ 1070 ގުނަ ގިނަ ހަކަތަކަމުގައެވެ. ވުމާއެކު މިއީ މިއަދު ލިބެން ހުރި ޓެކްނޮލޮޖީ އާއި ހަކަތައިން ވާނެ ކަމެއް ނޫނެވެ. އަދި އިންސާނީ ހަޔާތުގެ ކުރުމިންވަރަށް ބަލާއިރު ވެސް ވުންކައިރި ކަމެއް ނޫނެވެ. ޚުލާސާކޮށް ދެންނެވޭނީ، ގެލެކްސީއިން ބޭރަށް ނުދެވޭއިރު އެންމެކުޑަވެގެން އެންމެ ގާތް ތަރިއަށް ވެސް ނުވަތަ އެ ހިސާބުގައިވާ ޕްލެނެޓަކަށް ވެސް އަޅުގަނޑުމެންނަކަށް އަދި ނުދެވޭނެއެވެ. އިންސިންނަށާއި ޖިންނިންނަށް އުޑުތައް ފަހަނަޅާ ދެވޭނީ ވަރުގަދަ ބާރަކުންކަން ވަރަށް ސާފުކޮށް سورة الرحمن ގެ 33 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެއެވެ.

يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا ۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ ﴿٣٣﴾

އޭ ޖިންނިންނާއި، އިންސީންގެ جماعة ގެ މީހުންނޭވެ! އުޑުތަކާއި، ބިމުގެ އެންމެހާ ފަރާތްތަކުން ނުކުމެގެން ދިޔުމަށް، ތިޔަބައިމީހުންނަށް ކުޅަދާނަ ވެގެންވާނަމަ، ފަހެ، ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެތެވެ. (ޤުރުއާން، 55:33)

މިއާޔަތުން ދޭހަވަނީ މިލްކީވޭ އާއި އެހެންގެލެކްސީ ތަކުގައި ޖިންނިންވެސް ލައްވާފައިވާ ކަމުގައެވެ. އެކަމަކު އެ ތަކެއްޗަށް ވެސް އަޅުގަނޑުމެންނެކޭ އެއްފަދައިން އެ ގެލެކްސީތަކުން ނުކުމެގެން ދިޔުމަށް ވަރުގަދަ ބާރު ބޭނުންވާ ކަމުގައެވެ. އެތަކެއްޗަކީ އެހެން ޑައިމެންޝަންއެއްގައި، ޣައިބުގާ އުޅޭ ތަކެއްޗަށްވާތީ އަޅުގަނޑުމެންނަށް އެތަކެތީގެ މާބޮޑު ހަޤީގަތެއް ނޭގެއެވެ.  ފަހުގެ ތިއަރީތަކުން އެނގެނީ މިކައުނުގެ %27 އެކުލެވިގެންވަނީ ސައިންޓިފިކް އާލާތްތަކަށް އަދި ހޯދަން އުނދަގޫ އަދި ނުފެންނަ ޑާކް މެޓާއިން ކަމުގައެވެ. މިހެން މިކަން އޮތަސް ލިބެންހުރި މައުލޫމާތުގެ މިންވަރު ދަށްކަމުން، ޖިންނިން ދިރިއުޅޭ ބިންތައް އުފެދިވަފައިވަނީ “ޑާކް” މެޓާއިން ކަމެއް ޔަޤީންކަމާއެކު ބުނާކަށް ނޭގެއެވެ. އެކަމު އެހެންވެސް ވެދާނެއެވެ.

ފުރަތަމަ އުޑަކީ މިލްކީވޭ ނުވަތަ މުޅި ކައުނު ހެއްޔެވެ؟

إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ.

ކީރިތި ޤުރުއާންގެ سورة الصافات ގެ 6 ވަނަ އާޔަތުގައިވާ މައުލޫމާތަށް ބަލާއިރު ފުރަތަމަ އުޑު އެއީ “މިލްކީވޭ ގެލެކްސީ” އަށް ވުމީ އެންމެގާތްގޮތެވެ. ސަބަބަކީ އެހެންގެލެކްސީގައިވާ ވަކިވަކި ތަރިތައް ޓެލެސްކޯޕަކާއި ނުލާ ލޮލަކަށް ނުފެންނާތީ އެވެ. އެ ތަރިތަކަކީ އޭގެ ޒާތުގައި އަލިގަދަ ތަރިތަކެއް ކަމުގައި ވިޔަސް އެހެން ގެލެކްސީތަކުން އަންނަ ވަކި ތަރިތަކުގެ އަލި އެގެލެކްސީތައް ދުރުކަމުން ލޮލަށް ފެންނަވަރަށްވުރެ މާ ފަނޑެވެ. އަޅުގަނޑުމެންނަށް ފެންނަ ގެލެކްސީތަށް ފެންނަނީ ގެލެކްސީ މެދުގައި ހުންނަ އެތައްމިލިޔަން ތަރިތަކުގެ އަލި އެކުވެގެން އަލިގަދަ އެއްޗެއްގެ ގޮތުގައެވެ، ވީމާ ރަނގަޅަށް އަޅުގަނޑުމެން ވިސްނައިފިނަމަ ފުރަތަމަ އުޑުގެ ދުރުމިނުގެ މިންވަރެއް ކަނޑައެޅިދާނެ އެވެ. އެއީ އަޅުގަނޑަށް ވިސްނޭގޮތުގައި މިލްކީވޭ ގެލެކްސީގެ ސަރަހައްދެވެ. ޤުރުއާނުގައި އުޑުތަކާއި ބެހޭގޮތުން އައިސްފައިވާ އެހެން އާޔަތްތަކަށް ބަލާއިރު އެހެން ގެލެކްސީތަކަކީ އެހެން އުޑުތައް ކަމަށްވުން ގާތެވެ. މަޒްމޫނުގެ ދެން އަންނަބައިގައި އެ ކޮންސެޕްޓްތައް އިތުރަށް ހުށައަޅައިދޭނަމެވެ. ވީމާ އޮބްޒާވަބަލް ޔުނިވާރސް ނުވަތަ ކައުނުގައިވަނީ އެއް އުޑަށްވުރެ ގިނަ އުޑުތަކެކެވެ. އޮބްޒާވަބަލް ޔުނިވާރސްގެ ސަރަހައްދަށްވުރެ ދުރުގައިވާ އެއްވެސް އެއްޗެއްގެ މައުލޫމާތެއް އަޅުގަނޑުމެންގެ ސައިންސަކުން ނުމެ އެނގޭނޭ މެއެވެ.

اللَّـهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّـهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ﴿١٢﴾

للَّه އީ، ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުންވެސް އެފަދަމެއެވެ. (އެބަހީ: އެކަލާނގެ ހަތް ބިން ހެއްދެވިއެވެ.) އެތަންތާނގައި އެކަލާނގެ أمر ފުޅު ހިނގަހިނގާ ހުރެތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّه ގެ علم ފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ. (ޤުރުއާން 65:12)

މަތީގައިވާ އާޔަތުން އެނގޭގޮތުގައި އުޑުތަކާއި ބިންތައް ހެއްދެވީ اللَّه ގެ علم ފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން އަޅުގަނޑުމެން އިންސާނުނަށް އެނގެވުމަށެވެ. މިއާޔަތުން ދޭހަވަނީ އެ އުޑުތަކާބެހޭ ކޮންމެވެސް މައުލޫމާތުތަކެއް އިންސާނުންނަށް އުގަންނަވައި ދެއްވާނޭކަމެވެ. ވުމާއެކު އެއީ ޣައިބުގައިވާ ތަންތަނަށްވުރެ ބޮޑަށް އިންސާނާއަށް އެއާއި ބެހޭ ކޮންމެވެސް ވަރެއްގެ މަޢުލޫމާތު އެނގޭ ތަންތަންކަމަށް ވާނެކަން އަޅުގަނޑު ޤަބޫލުކުރަމެވެ. މި އަދު ކައިރީގައިވާ އެހެންގެލެކްސީގެ ތަރިތައް ޓެލެސްކޯޕުގެ އެހީގައި ފެނެއެވެ. މިހާރު އިންސާނުންނަށް އެނގޭ މައުލޫމާތުން އެހެން ގެލެކްސީތަކުގައި ޕްލެނެޓްރީ ސިސްޓަމްތައް ވާކަމާއި ދުނިޔެފަދަ ޕްލެނެޓް (ބިން) ތަކެއް ވުމުގެ ފުރުސަތުވެސް އޮތްކަން އެނގެއެވެ. ޢަރަބި ބަސް ދިރާސާ ކުރައްވާ ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުން 7 ދެގޮތަކަށް ބޭނުން ކުރެއެވެ. އެއްގޮތަކީ ގުނާ އަދަދުން 7 އެއްޗެކެވެ. އަނެއްގޮތަކީ ގިނަމިންވަރެއްގެ ތަކެއްޗެވެ. 

ކޮންމެ ގެލެކްސީއަކީ ވަކި އުޑެއް ކަމަށް ބެލެވޭ.

އެންޑްރޮމެޑާގެ ތަރި ފުނިތަކެއް ޓެލެސްކޯޕުން ބޮޑުކޮށްފައި

މިސާލަކަށް ތިބާއާއި ތިބާގެ އާއިލާގެ ބަޔަކު އެންޑްރޮމެޑާ ގެލެކްސީގެ ކޮންމެވެސް ތަރިއެއްގެ ވަށައިގެން ދައުރުކުރާ ޕްލެނެޓެއްގައި ދިރިއުޅެމުން އަންނަނީ ކަމުގައި ޚިޔާލަށް ގެނަސް ބަލާށެވެ. ތިބާ ރޭގަނޑު އުޑުމައްޗަށް ބަލާލުމުން ފެންނާނީ ކޮން އެއްޗެތި ތަކެއްހެޔެވެ؟ ތިބާޔަށް ފެންނާނީ އެންޑްރޮމެޑާ ގެލެކްސީގެ ބައެއް ތަރިތަކެވެ. ތިބާ ދިރިއުޅޭ ޕްލެންޓްގެ ވަށައިގެން ދައުރުކުރާ ހަނދުތަކެއް ވާނަމަ އެ ތަކެއްޗެވެ. އަދި ތިބާގެ ޕްލެނެޓާއި އެކު އޭގެ ތަރި ވަށައި ދައުރުކުރާ އެހެން ޕްލެންޓްތަކެއް ވާނަމަ އެ ތަކެއްޗެވެ. މީގެ އިތުރަށް ޓެލެސްކޯޕަކާއި ނުލާ މިލްކީވޭ އާއި ލޯކަލްގްރޫޕްގެ އެހެން ގެލެކްސީތައް ވެސް ދުންގަނޑެއް ހެން ފެނިދާނެއެވެ. ތިބާގެ އުޑުގައި ހުންނަތަރިތަކުގެ ކޮންސްޓަލޭޝަންތަކަކީ ދުނިޔޭގެ އުޑުގެ ކޮންސްޓަލޭޝަންތަކާ މުޅިން ތަފާތު ކޮންސްޓަލޭޝަން ތަކެކެވެ. ތިބާގެ އުޑުވާނީ މުޅިން އެހެން އުޑަކަށެވެ. ވުމާއެކު ކޮންމެ ގެލެކްސީ އަކީ ވަކި އުޑެކެވެ.

ކާއިނާތުގައި އެތައް މިލިޔަން ގެލެކްސީއެއް ވެއެވެ. ކޮންމެ ގެލެކްސީއެއްގައި އެތައް މިލިޔަން ތަރިވެއެވެ. އަދި އެފަދަ ގިނަ ޕްލެނެޓްރީ ސިސްޓަމްތައް ވާކަން މިހާރު އިންސާނުންނަށް އެނގެއެވެ. ޤުރުއާނުގައި 7 އުޑާއި 7 ބިން މާނަ ކުރެވެނީ ގިނަ ގެލެކްސީތަކާއި ގިނަ ޕްލެނެޓްރީ ސިސްޓަމްތަކުގެ މާނައިގައި ކަމުގައި ވެދާނެއެވެ. ނުވަތަ މިލިޔަން ގެލެކްސީ ތަކުގައި ދިރޭތަކެތި ލައްވާފައިވާ 7 ގެލެކްސީއެއް ކަމުގައި ވެސް ވެދާނެއެވެ. ހަޤީގަތް ދެނެވޮޑިގެން ވަނީ ހަމައެކަނި މާތް ﷲ އެވެ. ތިރީގައިވާ އާޔަތުން ދުނިޔެ އާއި އުޑުތަކުގައި ވާހާތަކެތި މަރުވާ ކަން އެނގެއެވެ. 

نُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ ﴿٦٨﴾ 

ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. اللَّه އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (محشر ބިމުގައި) ބަލަބަލައި ތިބޭނެތެވެ. (ޤުރުއާން، 39:68)

އަޅުގަނޑުމެން އިންސާނުން ދުނިޔޭގައި އުޅެން ފެށުމުގެ ކުރިން ދުނިޔެއަކީ ޑައިނަސޯސްފަދަ ބިޔަ ޖަނަވާރުތަށް ދިރިއުޅެމުން އައިތަނެކެވެ. ވުމާއެކު އެހެން އުޑުތަކުގައި (ގެލެކްސީތަކުގައި) އެހެން ބާވަތްތަކުގެ ދިރޭތަކެތި ނުވާނަމަ އެހެން އުޑުތަކުގައިވާ އެއްޗެތި މަރުވާކަށް ނުޖެހުނީހެވެ. އަދި މަތީގައިވާ އާޔަތުން ޤިޔާމަތަކީ މުޅިކައުނަށް އަންނަ އެއްޗެއްކަން ވެސް ދޭހަވެއެވެ. އަދި محشر ބިމަކީ މި ކައުނުގެ ކޮންމެތަނެއްކަމުގައި ވެސް ވެދާނެއެވެ. އެއީ ބިޔަ ބޮޑު ޕްލެނެޓެއް ކަމުގައިވެސް ވެދާނެއެވެ. ނެތުމުގެ ތެރެއިން ފުރަތަމަ ފަހަރަށް ދުނިޔެއަށް ފޮނުއްވި އިންސާނާ ކޮންމެ ބިމަކަށް ވެސް އަލުން ފޮނުއްވުން ﷲ އަށް ކުޅަދުންވަންތައެވެ. އެއީ އެއިންސާނާ ކުރިން މަރުވެ އެ ބިމުގެ ފަހުގައި ހަށިގަނޑު ވީރާނާވެދިޔަ ބިމަކަށް ވާކަށެއް ނުޖެހެއެވެ. ހަޤީގަތް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ ﴿٣٣﴾

އެދުވަހަކީ، ފޮތްތަކުގެ ފަތްފުށް ފަތްޖަހައިލެވޭ ފަދައިން، ތިމަންރަސްކަލާނގެ އުޑު ފަތްޖައްސަވައިލައްވާ ދުވަހެވެ. އެންމެފުރަތަމަ އުފެއްދެވި ފަދައިން، އެ ތަކެތި އަލުން إعادة ކުރައްވާ ހުށީމެވެ. އެއީ ތިމަންރަސްކަލާނގެ މައްޗަށްއޮތް وعد އެކެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންތައް ކުރައްވާހުށީމެވެ. (ޤުރުއާން 21:104)

މަތީގައިވާ އާޔަތުން އެނގެނީ ކުރިން ގެނެވުނު އާޔަތްތަކުގައި އެވާ މިކައުނުގެ އުޑުތަކަކީ (ގެލެކްސީތަކަކީ) ފަނާވާނެ އަދި ނިމުން އަންނާނެ ތަންތަން ކަމުގައެވެ. އެއީ ދާއިމީ މަންޒިލްތަކެއްވާ ތަންތަނެއް ނޫންކަމުގައެވެ. އެފަދަ ތަންތަނާއި މިއާޔަތްތަކުގައި މިވާ އުޑުތަކަކީ ތަފާތުތަންތަން ކަމުގައި ދޭހަވެއެވެ. “ބިގް ކްރަންޗް” ތިއަރީ އަކީ ކައުނުގެ ނިމުން އަންނާނެގޮތްކަމަށް ބަހުސްކުރާ ތިއަރީ ތަކުގެ ތެރެއިން އެއް ތިއަރީއެވެ. މި ތިއަރީ ބުނާ ގޮތުން ކައުނުގައިވާ ތަކެތީގެ ގްރެވިޓީގެ ސަބަބުން ކައުނު އެކްސްޕޭންޑްވުން އެންމެފަހުން ހުއްޓޭނެއެވެ. ކައުނު ކުޑަވަމުން (ކޮންޓްރެކްޓް) ވަމުންދާއިރު ގެލެކްސީތަކާއި ތަރިތަކާއި ޕްލެނެޓްތައް ގާތައް ލެފެމުން އައިސް ގުޅި، ޑެންސިޓީއާއި ހޫނުމިން ބަޔާން ނުކުރެވޭ “ސިންގިއުލާރިޓީ” ކިޔާ ޕޮއިންޓަކަށް ވާސިލް ވާނެއެވެ. ވުމާއެކު މިއާޔަތުގައިވެސް މި ބަޔާންކުރާ އުޑަކީ ގެލްކްސީ އެވެ. އަދި މިއާޔަތުގެ ފަހުބައިންވެސް އަދަދު ގިނަކަން އެނގެއެވެ. 

އުޑު ހިމާޔަތް ކުރެވިފައިވަނީ ކިހިނެއް

އެޓްމޮސްފިއާރ (ވައިގެ ފަށަލަ): އަޅުގަނޑުމެންގެ ބޯމަތީގައި ލޮލަށް ފެންނަން މިއޮތީ އުޑެވެ. މި އުޑު ދުނިޔޭގެ އެޓްމޮސްފިޔާއިން ފެށިގެން ގޮސް މިލްކީވޭގެ އެންމެ ދުރާހަމަޔަށް ފޯރައެވެ. ދުނިޔޭގެ އެޓްމޮސްފިޔާއަކީ ގަސްގަހާ ޖަނަވާރާއި އިންސާނުން ނޭވާލާން ބޭނުންވާ ވައި ލިއްބައިދިނުމުގެ އިތުރަށް ދިރުމުގެ މުހިއްމު އެއް އަސާސީ އެއްޗެއް ކަމުގައިވާ ފެނުގެ ބުރު ދައުރުކުރުމަށް މަގުފަހިކޮށްދީ މޫސުމީ ބަދަލުތައް ދުނިޔެއަށް ގެނަސްދޭ މުހިއްމު އެއްޗެކެވެ. އެޓްމޮސްފިޔާ ދުނިޔޭގެ ބިމުގައި އާއި ކަނޑުގައި ފެން ހިފެހެއްޓުމަށް ބޭނުންވާ ޕްރެޝަރު އުފައްދާ ދެއެވެ. އަދި އިރުން އަންނަ ގެއްލުން ދެނިވި އަލްޓްރާވައިލެޓް ރޭޑިއޭޝަނުން ދިރޭތަކެތި ސަލާމަތްކޮށްދެއެވެ. އޭގެ އިތުރަށް ޖައްވުން ދުނިޔެއަށް އަންނަ މީޓިއޯސް ތަކުން ދިރޭތަކެތި ސަލާމަތްކޮށްދެއެވެ. ދުނިޔޭގެ އެޓްމޮސްޕިޔާއަށް ދުވާލަކު ގާްތްގަނޑަކަށް 25 މިލިޔަން މީޓިއޯސް އަންނަކަމަށް ވެއެވެ. ބާރު ސްޕީޑްގައި އެޓްމޮސްފިއާރއަށް މިތަކެތި ވަންނަ ވަޤުތު އުފެދޭ ފްރިކްޝަންގެ ސަބަބުން ކުދިކުދިވެ ރޯވެދެއެވެ. މާ ކުޑަނަމަ ބިމަށް ވާސިލްވުމުގެ ކުރިން އާތްވަށް އަރައިގެން ދެއެވެ. މިފަދަ ގިނަ ހިލަގަނޑުތައް ކޮންމެ ދުވަހަކު ބިމާހަމަޔަށް ވާސިލްވާނަމަ އިންސާނުންނާއި ދިރޭތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެއެވެ. 

فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَىٰ فِي كُلِّ سَمَاءٍ أَمْرَهَا ۚ وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ‎﴿١٢﴾

‏ފަހެ، ދެދުވަހުގެ ތެރޭގައި އެކަލާނގެ ހަތް އުޑު ހެއްދެވިއެވެ. އަދި ކޮންމެ އުޑަކަށް، އެ އުޑެއްގެ ކަންތައް (تدبير ކުރައްވައި) އެންގެވިއެވެ. އަދި ބައްތިތަކަކުން ތިމަންރަސްކަލާނގެ އެންމެ ކައިރި އުޑު ޒީނަތްތެރިކުރައްވައި، އަދި އެ އުޑު ރައްކާތެރި ކުރެއްވީމެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ. (ޤުރުއާން، 41:12).

މަތީގައިވާ سورة فصلت ގެ 12 ވަނަ އާޔަތުގައި އުޑު ރައްކާތެރި ކުރެއްވި ވާހަކަ އެބަ ވެއެވެ. ވަޤުތަކީ ރެލެޓިވް އެއްޗެކެވެ. އަޅުގަނޑުމެންގެ ދުވަސް ބިނާވަނީ ދުނިޔޭގެ ހިނގުމަށެވެ، މިއީ ދުނިޔެ އާއި އިރު އުފެދިފައި ނުވާ ނުވަތަ އުފެދެމުން ދިޔަ ޒަމާނަކަށްވާތީ، ﷲ ހަޟްރަތުގައި 2 ދުވަހަކީ އިންސާނުންނަށް މިލިޔަން އަހަރުތަކެއް ކަމުގައި ވެދާނެއެވެ. ވަޤުތާ ބެހޭ ގޮތުން އިތުރަށް ބައްލަވަން މި ލިންކަށް ފިއްތަވާލާށެވެ.

މެގްނެޓޯސްފިއާ އަދި ހީލިއޯސްފިއާ:  އިރުން ލިބޭ ހޫނާއި އަލިކަމަކީ ދުނިޔޭގައި ދިރޭތަކެތި ދެމިހުރުމަށް މުހިއްމު އެއްޗެކެވެ. ދުނިޔޭގެ އެތެރޭގައި އުފެދޭ ދަގައްފާނީ ބާރު ނުވަތަ މެގްނެޓިޒަމްގެ ސަބަބުން މެގްނެޓޯސްފިއާރ ކިޔާ ސަރަހައްދެއް ދުނިޔޭގެ ވަށައިގެން އުފެދެއެވެ. ބަބަލް އެއްގެ ސިފައިގައި ހުންނަ  މެގްނެޓިކް ފީލްޑް އިރުންނާއި (ސޯލާ ވިންޑް) ސޯލާ ސިސްޓަމްގެ ބޭރުން އަންނަ ގެއްލުން ދެނިވި ޕާޓިކަލްތައް ހިމެނިފައިވާ ރޭޑިއޭޝަނުން ދުނިޔެ ރައްކާތެރިކޮށްދެއެވެ. އަދި އޭގެ އިތުރަށް ސޯލާ ވިންޑުގެ ސަބަބުން އެޓްމޮސްފިއާރ ނެތި ދިއުމުން ރައްކާތެރިކޮށްދެއެވެ

މެގްނެޓޯސްފިއާރ ހުންނަގޮތް: NASA

އިރުންދޫކުރާ ސޯލާވިންޑުގައި ހުންނަޗާޖް ޕާޓިކަލްތައް ޕްލުޓޯގެ ތިންގުނަ ދުރަށް ފޯރުމަށްފަހު، ތަރިތަކުގެ ދޭތެރޭ ހުންނަ މީޑިއަމް އާއި ދެމެދު ރައްކާތެރިކަމުގެ ޝީލްޑެއް އުފައްދައެވެ. ސައިންސްވެރިން ބުނާގޮތުގައި މީގެ ސަބަބުން އިރާއި ޕްލެނެޓް ތަކުގެ ވަށައިގެން ހީލިއޯ ސްފެޔާރ ކިޔާ ހޫނު ޕްލަޒްމާގެ ދަގައްފާނީ ބާރު ހުންނަ ބިޔަ ބޮތްކެއް އުފެދެއެވެ. މި ދެންނެވި ހީލިއޯސްފިޔާ އިންޓަރސްޓެލާރ ރޭޑިއޭޝަނުން (ތަރިތަކުގެ ދެމެދުން އަންނަ ރޭޑިއޭޝަން) އިރުގެ ނިޒާމްގައިވާ ޕްލެނެޓްތައް ހިމާޔަތްކޮށްދެއެވެ.

ހީލިއޯ ސްފިއާރ އިންޓަރ ސްޓެލާރ ރޭޑިއޭޝަނުން ސޯލާސިސްޓަމް އިމާޔަތް ކުރާގޮތް: NASA

ދުނިޔޭގެ ސޯލާސިސްޓަމާއި އިންޓަސްޓެލާރ މީޑިއަމްއާއި ދެމެދުގައިވާ “ހީލިއޯޕޯސް” ކިޔާ ބައުންޑްރީ ހުންނަކަން އެގުނީ ވޮޔޭޖާރ މެދުވެރިކޮށެވެ. ވޮޔޭޖާރ ޕްރޯބްތައް ސޯލާ ސިސްޓަމް ފަހަނަޅާ ދިޔައިރު ލޯ ފްރިކްއެންސީގެ ބާރުގަދަ ރޭޑިއޯވޭވްސް އޭގެ އެންޓަނާތަކަށް ލިބެމުންދިއަ އެވެ. މިހާރު ބެލެވޭގޮތުގައި މި ރޭޑިއޯ ސިގްނަލް އުފައްދަނީ އިރުން ދޫކުރާ ޗާޖް ޕާޓިކަލް އެކުލެވިގެންވާ ޕްލާޒްމާ (ގޭސް) ހީލިއޮޕޯސްގެ ބޭރުގައި ހުންނަ ތަރިތަކުގެ ދެމެދުގައި (އިންޓަރ ސްޓެލާރ) ހުންނަ، ފިނި ގޭހާއި ބައްދަލުވުމުން ކަމުގައެވެ. (ޖެޓް ޕްރޮޕަލްޝަން ލެބޯރަޓަރީ، 1993). 

ގެލެކްސީގެ ކޮރޯނާ އާއި އެތެރޭގެ ރައްކާތެރިކަން: އެތައް ބިލިޔަން އަހަރަކަށް މިލްކީވޭގެ ސެޓެލައިޓް ދެ ގެލެކްސީ ކަމުގައިވާ “ދަ ލާޖް އެންޑް ސްމޯލް މެގްލެނިލް ކްލައުޑްސް” ބެހޭގޮތުން ނާސާގެ ހަބަލް ޓެލެސްކޯޕުންނާއި ފާއަލްޓްރާ ވައިލެޓް ސްޕެކްޓްރޮސްކޯޕިކް އެކްސްޕްލޯރާގެ ޑޭޓާރ ބޭނުންކޮށްގެން ސައިންސްވެރިންގެ ޓީމަކުން ހޯދިހޯދުމުން އެނގިފައިވަނީ ސްޕަޗާޖް ގޭހަކުން (ކޮރޯނާ) މިދެގެލެއްސީ ހިމާޔަތް ކުރެވިފައިވާ ކަމުގައެވެ. އޭގެސަބަބުން މިގެލެކްސީތަކުގައި ހުރި ގޭސް މިލްކީވޭއަށް ދަމައިނުގެން އައުތަރިތައް އެގެލެކްސީ ތަކުގައި އުފެދުމުގެ ފުރުސަތު ލިބެއެވެ. (ހަބަލް، 2022). އެބޭފުޅުން ވިދާޅުވަނީ މި ގެލެކްސީ ވަނީ ސްޕަޗާޖް ގޭހުގެ ތޮށިގަނޑަކުން ހިމާޔަތް ކުރެވިފައި ކަމުގައެވެ. މިލްކީވޭގެ މެދުގެ ސަރަހައްދުގެ ވަށައިގެން ވެސް ކޮރޯނާއެއް ވެއެވެ. ފަހުގެ ހޯދުތަކުން ފެންނަނީ މިލްކީވޭގެ ކޮރޯނާވެސް ގެލެކްސީއަށް ވަދެ ނުކުމެ ހަދާ ގޭސް ރެގިއުލޭޓްކޮށްދީ މީގެ ސަބަބުން ގެލެކްސީ ހަލާކުވެ ނުގޮސް އޭގެ ދިގުމުއްދަތަކަށް ތަރިތައް އުފެދެމުން ދިއުމަށް އެހީތެރިވާކަމުގައެވެ. ނިއުސައިންޓިސްޓްގައި 21 ނޮވެމްބަރު 2021 ގައި ލިޔެފައި މަޒްމޫނެއްގައި ބުނާގޮތުން ޗައިނީޒް އެކަޑަމީ އޮފް ސައިންސަސް ގެ ޒިއޮޔުއާން ހުހަންގް އާއި އޭނާގެ ބައިވެރިން ފާމީ ގެމަރޭ ސްޕޭސް ޓެލަސްކޯޕްގެ ޑޭޓާރ ބޭނުންކޮށްގެން ހެދި ދިރާސާއަކުން މިލްކީވޭ ގެލެކްސީގެ މެދާދިމާޔަށް ބޭރުން އަންނަ ކޮސްމިކް ރޭތައް ގޮތްނޭގޭ ބާރަކަުން ދުރަށް ފޭކޮށްލައެވެ (ކްރޭން، 2021). ކުރިންދެންނެވި ސްޓަޑީއަކީ މީގެ ފަހުގެ ހޯދުމެކެވެ.

  ނިންމުން

އިންސާނާއަށް އެނގޭ ޢިލްމަކީ އަބަދުވެސް ބަދަލުވަމުންދާ އަދި އިތުރުވަމުންދާ އެއްޗެކެވެ. ތިމާއަށް ލިބެން ހުރި މައުލޫމާތު އިތުރުވުމާއި ކްރިޓިކަލްކޮށް ފުންކޮށް ވިސްނުމުން ކަންކަން އޮންނަގޮތް ތިމާއަށް ރަނގަޅަށް ވިސްނެއެވެ. އެއީ ﷲ އިންސާނާއަށް ދެއްވާފައިވާ ނިއުމަތެކެވެ. 

يُؤْتِي الْحِكْمَةَ مَن يَشَاءُ ۚ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ ‎﴿٢٦٩﴾‏

އެކަލާނގެ އިރާދަކުރައްވާ މީހަކަށް حكمة ދެއްވައެވެ. އަދި، (އެމީހަކަށް) حكمة ދެއްވި މީހާއަށް ފަހެ، ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ. ބުއްދީގެ أهل ވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ. (ޤުރުއާން: 2:269).

ކީރިތި ޤުރުއާނުގައި އުޑުތަކާބެހޭ ގޮތުން ގިނަ އާޔަތްތަށް ހުރިއިރު އެކިޒަމާންތަކުގައި އަޅުގަނޑުމެންގެ އިލްމުހުރި މިންވަރަކުން އެތަންތަން ހުންނަނާނެކަމަށް ލަފާކޮށް ތަފާތުގޮތްތަކަށް ސިފަކޮށްދެމުން އައިސްފައިވަމެވެ. ކުރީ ޒަމާނުަގައި އުޑުތައް ސިފަކޮށްދެމުން އައިސްފައިވަނީ ބުރިބުރިއަށް ނެގި އިމާރާތެއްގެ ފްލޯ ތަކެއްފަދައިންނެވެ. އަދި ސައެންސްގެ އާ ހޯދުންތައް އައުމާއެކު އެގޮތަށް އެކަންވުން ދުރުކަން ވިސްނެން ފެށިއެވެ. އޭގެފަހުން ވިސްނަމުންއައީ ފުރަތަމަ އުޑުވާނީ މުޅި ވިސިބަލް ޔުނިވާރސް ކަމަށެވެ. ޚުދު އަޅުގަނޑުވެސް ވަރަށް ފަހާޖެހެންދެން ވިސްނަމުންއައީ އެހެންނެވެ. އެހެނަސް މި ސޫރަތްތަކާމެދު ސައިންޓިފިކް ނަޒަރަކުން އިތުރަށް ވިސްނުމުން އަޅުގަނޑަށް މިހާރު ވިސްނެނީ އެކަން އެގޮތަށް ނުވާނޭ ކަމުގައެވެ. އުޑުތަކީ ގެލެކްސީތަކެއްކަމުގައި ވުން މާ ކައިރިކަމުގައެވެ. އަދި އެގެލެކްސީތަކުގެ ތެރެއިން ﷲ ކަނޑައަޅުއްވާފައިވާ ތަންތަނުގައި ވަކިމުއްދަތަކަށް އިންސިންނާއި ޖިންނިން ފަދަ ތަކެތި ﷲ ލައްވާ އެތަންތަނުން ބޭރަށް އެބައިމީހުންނަށް ނުދެވޭނެގޮތް ﷲ ލެއްވި ކަމުގައި މިހާރު ބުއްދިއަށް ޤަބޫލުކުރެވެއެވެ. ސުވަރުގެ (جنة) ފަދަ ދާއިމީތަންތަނަކީ ﷲ ވަކިން ހައްދަވާފައިވާ ތަންތަންކަން ވިސްނާލުމުން ޤަބޫލުކުރެވެއެވެ. އިންސާނުންނަށް ސުވަރުގެ އާއި އެތަނުން ލިބޭ މަންފާތައް ކީރިތި ޤުރުއާނުގެ ގިނަ އާޔާތްތަކުން ބަޔާންކޮށްދެއްވާފައި ވެއެވެ. ހަޤީގަތް ދެނެވޮޑިގެންވަނީ ހަމަ މާތް ﷲ އެވެ.

އަޅުގަނޑުގެ އުއްމީދަކީ މި މަޒްމޫނުވެސް ކިޔުންތެރިންނަށް ކަމުދާނޭ މަޒްމޫނަކަށް ވާނޭ ކަމުގައެވެ. އަދި މި މަޒްމޫނު ލިޔުމުގެ ހެޔޮ ތައުފީޤް ﷲ ދެއްވިކަމަށްޓަކައި އެކަލާނގެ އަށް ޙަމްދުކުރަމެވެ.