އައްޔަކީ ކޮން އެއްޗެއް؟

ތަޢާރަފް
އައްޔަކީ ކޮންއެއްޗެއްހޭ އަހައިފިނަމަ، އެކި ބޭފުޅުން ދެއްވާނީ އެކި ޖަވާބެވެ. ބައެއް ބޭފުޅުން އަލިފާނުން އަލި އުފެދޭކަމަށް ވިދާޅުވާނަމަ އަނެއްބައި ބޭފުޅުން ވިދާޅުވާނީ އަލި އުފެދެނީ ވަކިވަރަކަށްވުރެ އެއްޗެއް ހޫނު ވީމާ ކަމުގައެވެ. ނުވަތަ ބޮކިކަހަލަ އެއްޗަކަށް ކަރަންޓް ދިނުމުން ކަމުގައެވެ. މި ތިން ޖަވާބުވެސް އާންމު މަޢުލޫމާތަށް ބަލާއިރު މުޅިން ގޯހެއްނޫނެވެ. އައްޔަކީ ހަކަތައެކެވެ. އަދި އަލިއެޅުމުން އިންސާގެ ލޮލާއި އެލޮލާއި ގުޅިފައި ހުންނަ ސިކުނޑީގެ ބައިތައް މަސައްކަތްކުރެއެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލުގައި ހިނގާކަންކަން އަޅުގަނޑުމެންނަށް އިހުސާސް ކުރެވެއެވެ. އައްޔާއި ބެހޭގޮތުން ސައިންސްގެ ދާއިރާއެއް ކަމުގައިވާ ފިޒިކްސްގައި ދެ ތިއަރީއެއް އައިސްފައެވެ. އެއްތިއަރީ ބަޔާންކޮށްދެނީ އައްޔަކީ ކުދި އެތޮކޮޅުތަކެއް (ޕާޓިކަލްސް) ކަމުގައެވެ. އަނެއް ތިއަރީ ބަޔާންކޮށްދެނީ އައްޔަކީ ރާޅުތަކެއް ކަމުގައެވެ. އަލީގެ މިސިފަ ވަރަށްގިނަ ސައިންޓިފިކް ތަޖުރިބާތަކުން ފެނިފައިވެއެވެ. ރާޅުތަކެއްގެ ގޮތުގައި ފެންނައިރު އެތިކޮޅުތަކެއްގެ ގޮތުގައި ނުފެނެއެވެ. އަދި އެހެންމެ އެތިކޮޅުތަކެއްގެ ގޮތުގައި ފެންނައިރު ރާޅުތަކެއްގެ ގޮތުގައިވެސް ނުފެނެއެވެ. މިދެސިފަ އެއްފަހަރާ އަލިން ފެނިފައި ނުވުމަކީ އަޖައިބުކުރަނިވިކަމެކެވެ. ވުމާއެކު އިލްމުވެރިން ބުނަނީ އަައްޔަކީ ރާޅު އަދި އެތިކޮޅުތަކެއްގެ (ދެސިފަ) ލިބިގެންވާ އެއްޗެއް ކަމުގައެވެ. މި މަޒްމޫނުގައި އަޅުގައިގަނޑު ބަލާލައިފައިވަނީ ތިރީގައިވާ ބައިތަކަށެވެ.

ތާރީޚަށް ބަލައިލުމެއް
އަލީގެ ކުލަތަކާއި ލޮލަށް ކުލަތައް އިހުސާސްކުރެވޭގޮތް
އައްޔަކީ ރާޅުތަކެއް
އައްޔަކީ އެތިކޮޅުތަކެއް
އަލި އުފެދެނީ ކިހިނެއް

 

ތާރީޚަށް ބަލާލުމެއް

މީލާދީ ތާރީޚްގެ 3-4 ވަނަ ޤަރުނުގެ ކުރިން ގަދީމީ ގްރީކްގެ އެލެގްޒެންޑްރިޔާގައި އުޅުއްވި ޔޫކްލިޑް އާއި ގްރީކްގެ އެތެންސްގައި އުޅުއްވި ފިލޯސަފަރު ޕްލެއިޓޯ ޤަބޫލުކުރެއްވީ އަލި އުފައްދަނީ ލޮލުން ކަމުގައެވެ. މި ވިސްނުން ބަދަލުވެގެން ދިޔައީ މުސްލިމު ޢިލްމުވެރިއެއް ކަމުގައިވާ އިރާޤްގެ ބަސަރާއަށް އުފަން أبو علي، الحسن بن الحسن بن الهيثم (މިލާދީން 965- 1040) ލިޔުއްވި كتاب المناظر (ބުކް އޮފް އޮޕްޓިކްސް) އަށް ފަހުގައެވެ. މިފޮތުގައި އިބުނު ހައިޝަމް ވިދާޅުވެފައިވަނީ އެއްޗިއްސަށް އަލި އެޅުމުން އެއަލި އެ އެއްޗެއްގެ ކޮންމެ ޕޮއިންޓަކުން ރިފްލެކްޓުވެގެން (އެނބުރި އައުން) ލޮލަށް އެޅޭކަމުގައެވެ. މިފޮތް ލެޓިނަށް ތަރުޖަމާ ކުރެވުމުން ޔޫރަޕްގެ އިލްމުވެރިންނަށް މިހަޤީގަތް އެނގިގެންދިޔައެވެ. އަދި މިއަދުވެސް އިބުނު ހައިސަމް ބަލަމުންދަނީ އޮޕްޓިކްސްގެ ބައްޕަގެ ގޮތުގައެވެ. ކެމެރާ އޮބްސްކޫރާ (އަދިރި ކޮޓަރި) މަސައްކަތްކުރާގޮތާއި ޕިންހޯލް ކެމެރާ މަސައްކަތްކުރާގޮތް އޭނާ ވިދާޅުވެދެއްވި އެވެ. އަނދިރި ކޮޓަރިއެއްގައި އަޅުގަނޑުމެން ތިބޭ އިރު ފުރާޅު ނުވަތަ ބިތުގައި އިންނަކޮޑަ ލޯވަޅަކުން އަންނައަލި ތަޅުންމައްޗަށް ނުވަތަ ފާރަކަށް އެޅުމުން އިރުގެ ތަސްވީރު ފެންނަން އިނދެއެވެ. އަދި ލޯވަޅު އެއްޗަކުން ނިވާކުރުމުން އަލި ކެނޑެން ކޮންމެވެސް ވަޤުތެއް ނަގާކަން ވިދާޅުވިއެވެ. މިއީ އަލީގައި ސްޕީޑެއް ހުންނަކަން ބުނެދެވުނު ފުރަތަމަ ފަހަރެވެ.  ގްރީކް ފިލޯސޮފަރު އެރިސްޓޯޓަލް އާއި ޗައިނާގެ ފިލޯސޮފާ (މީލާދީން 5 ޤަރުނު ކުރިން) މޯ-ޓީ އަށް ކެމެރާ އޮބްސްކޫރާ އެނގުނުކަމުގައި ވިޔަސް ތަޖުރިބާއެއްގެ އެހީގައި ފުރަތަ ދެއްކެވީ އިބުނު ހައިސަމް އެވެ. މިގޮތުން ކޮޓަރިއެއްގެ ބޭރުގައި 5 ލަންޓަނު ބައްތި ބަހައްޓަވައިގެން ކުޑަލޯވަޅަކުން އެ ބައްތިތަކުގެ އަލި ކޮޓަރީގެ ބިއްގަނޑަކަށް އެޅޭގޮތްދައްކަވާ ދެއްވިއެވެ. މީގެ އިތުރަށް ކާމިޔާބުކަމާއެކު ބޭރުގެ ބޮޑުސަރަހައްދެއްގެ ތަސްވީރެއް ސްކީރަކަށް އެޅުއްވިއެވެ. މި އެކެސްޕިރެމެންޓްތައް ނުވަތަ ޢަމަލީ ތަޖުރިބާތައް ވެގެންދިޔައީ ސިސްޓަމެޓިކްކޮށް ސައިންޓިފިކް ހޯދުންތައް ހޯދަންވާގޮތް ނަކަލުކޮށްދިން އެކްސްޕެރިމެންޓް ތަކަކަށެވެ. އިބުނު ހައިސަމް  ބައެއް މަސައްކަތުގެ ކްރެޑިޓް ޔޫރަޕްގެ ބައެއް ސައެންސްވެރިންނަށް ލިބިފައިވަނީ އެބޭފުޅުން އަލުން ހޯއްދެވި ހޯއްދެވުންތަކުގެ ސަބަބުންނެވެ. 

ލޯ މަސައްކަތް ކުރާގޮތް ދައްކައިދޭން އިބުނު ހައިސަމްގެ ފޮތުގައިވާ ކުރެހުމެއް

އަލް ހައިސަމް އެކްސްޕެރިމްންޓެއް ހަދާތަން ދައްކާ ކުރެހުމެއް- ސޯސް: pinterest

ޕިންހޯލް ކެމެރާ މަސައްކަތްކުރާ ގޮތް: ސޯސް: wikimedia commons