14 އަދި 15 ވަނަ ޤަރުނުގެ ޗައިނާގެ ލިޔުންތަކުން ދިވެހިރާއްޖެ: ތިންވަނަ ބައި
1. ވަން ޓާޔަންގެ ތައު އީ ޗީލިއޭ ގައި ދިވެހި ރާއްޖެ (ޕެއި ލިއު – 北潛)
ވަން ޓާޔަންގެ ގެ “ތައު އީ ޗީލިއޭ” އަކީ 14 ވަނަ ޤަރުނުގެ މެދުތެރޭގައި ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ރާއްޖޭގެ އުތުރުގެ ރައްތަކުގެ ވާހަކަ ލިޔެފައިވަނީ “ޕެއި-ލިއު” ގެ ނަމުގައެވެ. ތިރީގައިވާ ލިޔުންކޮޅަކީ ރޮކްހިލް (1915) ގެ ތަރުޖަމާގައި ރާއްޖެ އާއި ބެހޭ ގޮތުން ލިޔެފައިވާ ތަންކޮޅެކެވެ. ޓާޔަންވެސް ލިޔެފައިވަނީ މާހުއާންގެ ފޮތުގައިވާ މަޢުލޫމާތެވެ.
“(ޕެއި ލިއު) އޮންނަނީ އެއް ހާސް ވަރަކަށް ކުދި ރަށްރަށާއި ގުނާ އަދަދު ނުކުރެވޭހާ ގިނަ ރަށްތަކެއް ހިމެނިގެންވާ ގުރޫޕެއްގަ އެވެ. އުޅަނދެއް ސިލޯނު ކައިރިން ހުޅަނގު ކަނޑަށް ވަންނަ އިރު އޮއިވަރު އަވަސް އަވަހަށް ބަދަލުވެއެވެ. އަދި ބޯޓުގެ މިސްރާބާއި އިދިކޮޅަށް ވައި ހުރިނަމަ އެ އުޅަނދަށް އެއް ފަހަރުން މި ޤައުމަށް ދެވޭނެއެވެ. ޖެހިގެން އަންނައަހަރު ބަހާރު މޫސުމުގައި އިރުދެކުނުން ޖެހޭ ވަޔާ އެކު އުޅަނދު އަނެއްކާ ވެސް ރަށްތަކުގެ އުތުރަށް ދާން ފަށައެވެ. ހުރިހާ ރަށްތަކުގެ (ލިއު) ވަށައިގެންވާ ކަނޑުގައި ކަނޑުން މައްޗަށް އަރައި ފެތުރިފައި ހުންނަ ތަންތަނުގައި މިޔަ ހާ ތޫނު ދަތްތަކެއް ފަދަ އުސް ތަންތަން (މިއީ ރަށްތަކުގެ ފަރުތަކުގެ ވާހަކަ) ވެއެވެ. މި ތަންތަނުން އެއްވެސް އުޅަނދެއް ސަލާމަތެއް ނުވެވެއެވެ.
ތަނުގެ އުފެއްދުން ތަކަކީ ރޯނު، ކުދިބޮލި، ހިކިމަސް އަދި ބޮޑެތި އުއި ރުމާ (ސްކާފް ނުވަތަ ބޮލުގައި އަޅާ ރުމާ -handkerchiefs) އެވެ. ކަނޑު މަގުން ވިޔަފާރިކުރާ ކޮންމެ ވިޔަފާރި ވެރިޔަކު ކުދި ބޮލިން އުޅަނދެއް ބަރުކޮށް “އޮރިއްސާ” (Wu-tieh) އަށާއި “ބެންގާލަށް” (Peng-ka-la) ގެންދެއެވެ. މިބައިމީހުން އިހުގެ މުސްކުޅި ފައިސާގޮތުގައި ގެންގުޅުނު ބޮލި ފައިސާގޮތުގައި ބޭނުންކުރާތީ، ބޯޓެއް ބަރުވަންދެން ނުވަތަ އިތުރުވާ މިންވަރުގެ ހަނޑޫ އެމީހަކަށް އެއަށް ލިބެއެވެ.” (ޓާ ޔުއަން، 1349).
2. ފެއި ސިންގ ގެ ސިން ޗިއާ ޝެންގ ލާން ގައި ދިވެހި ރާއްޖެ: ލިއު-ޝަން ޔަން ކުއޯ (溜山洋國) –
ފެއި ސިންގ ވަނީ 1409-14011 އަށް އެޑްމިރަލް “ޖަންގ ޚުއާ” އެކު އޭނާގެ އެންމެ ފަހުގެ ދަތުރުތަކުގައި ބައެވެރިވެފައެވެ. އޭނާ އޭނާގެ “ސިން ޗިއާ ޝެންގ ލާން” ގައި ރާއްޖެއާއި ބެހޭ ކުރު ޕެރެގްރާފެއް ލިޔެފައިވެއެވެ. ފެއިސިންގެ ފޮތުގައި ވެސް މާ ހުއާންގެ ފޮތުގައި ވެސް ހުރި ބައެއް ވާހަކަ ތައް ތަކުރާރުވެފައިއެވެ. ފެއި ސިންގ ތިރީގައިވާ ގޮތަށް ރައްތަކެއްގެ ނަންތަކެއް ދިފައިވެއެވެ.
“(ލިއުޔަންގ ގެ) މެދުތެރޭ “ލިއު ފަރުބަދަތައް ވެއެވެ. ސިލޯނުގެ ބެރުވަލާ (ހުޅަނގު ބަދަރުމަތި) އިން ފުރައިގެން ދެކުނަށް ދިޔުމުން (އެތަނަށް ދެވޭ). ކަނޑުގައި އަޖައިބުވާފަދަ ޤުދުރަތީ ތަނެއް ވެއެވެ. ސިޓީއެއްގެ ފާރުގައި ހުންނަ ދޮރުތަކެއް ފަދައިން ގަލުން އުފެދިފައިވާ 3 ދޮރެވެ (މިއީ ބެލެވޭ ގޮތުގައި ކަނޑު އޮޅިތަކެކެވެ). އެތަންތަނުން ބޭނުން ނުހިފޭ ތަކެތި ދެއެވެ. އަށް ލިއުފަރުބަދަ ވެއެވެ. މީހުން އެކުގައި ދިރިއުޅެނީ (1) ޝާ ލިއު (沙溜) (2) ޖިއަން ޕޫޗީ ލިއު (任不知溜) (3) ޔެން ވަންގ ޕުޗިލިއު (人(王)不知溜) (4) ޗިލައި ލިއު (起來溜) (5) މާލި ސީ (ޗީ) ލިއު (麻里溪(奇)溜) (6) ޗިއާ ޕިންނިއެން ލިއު (加平年溜) (7) ޖިޔާ ޖިޔާ ލިއު (加加溜) އަދި (8) އަން ދޫ ލީ ލިއު (安都里溜) ގަ އެވެ. އެބައިމީހުންގެ ވެރިން ވެސް ތިބެއެވެ. އަދި ވިޔަފާރި އުޅަނދުތައް އެއް ތަނުން އަނެއް ތަނަށް ދެއެވެ. މި އަށް ތަނުން މާވަހަރާއި ފްރާންކިންސެންސް (މީރުވަސް ދުވާ ލަކުޑިއެއް) އުފައްދައެވެ. މުދަލަކީ (ވިޔަފާރީގެ) ރަނާއި، ރިއްސާއި، ކުލަކުލައިގެ މޮޅު ފަށުއި އާއި، ސެޓިންގ ފޮއްޗާއި، މުށީގެ ތަކެއްޗާއި، ހަނޑުލާއި, އޮށުގެ ގޮތުގައި ބެލެވޭ ގޮވާމުގެ ބާވަތްތަކާއި އަދި އެފަދަ ތަކެއްޗެވެ. ވިޔަފާރި މުދާ ވައިގޯސްވެ ކަނޑަށް ވެއްޓުނުނަމަ މީހުނާއި މުދާ އަނބުރާ ނުލިބެއެވެ.”
3. ހުވާންގ ޝެންގ ޝިއަންގ ގެ ފޮތުގައި ދިވެހިރާއްޖެ
ހުވާން ޝެންގ ޝިއަންގ ގެ ފޮތުގައި ވެސް ރާއްޖެ އާއި ބެހޭގޮތުން ލިޔެފައި ވެއެވެ، ޝެންގ ޝިއަންގ އައު ވާހަކައަކަށް ލިޔެފައިވަނީ ޕޮލާރިސް ތަރި ބޭނުންކޮށްގެން ރާއްޖެއަށް އާދެވޭ ގޮތުގެ ވާހަކަ އެވެ. ކަނޑުގައި އޮތް އުޅަނދެއް ވަނީ ކޮން ލެޓިޓިއުޑެއްގައި ތޯ ދަނެގަންނަން އިހުގެ ޗައިނާގެ ދަތުރުވެރިން ޕޮލާރިސް ތަރި ބޭނުންކުރި އެވެ. މިގޮތުން އަތް ދަމާލާ ފެންނަ ފެނުމުން އުދަރެހުގައި އިނގިލި ޖައްސައި އިނގިލީގެ ފުޅާމިނުން ތަރި ހުރީ ކިހާ ހިސާބު މަތީގައިތޯ ބަލައެވެ. ތިރީގައި ވަނީ އިނގިލިން ބަލާ ގޮތެވެ.
“މި ޤައުމަކީ 2000 ލީ ގެ ދުރުމިނުގައި “ބައުލޯ ވޭ” (ސުމަޓްރާގެ ބަދަރުމަތީ ސަރަހައްދެއް) ގެ ހުޅަނގު ދެކުނުގައި އޮންނަ ޤައުމެކެވެ. ބެންގާލުން ފުރައިގެން ޕޮލާރިސް ތަރީގެ އެލްޓިޓިއުޑް އަކީ 1/2 4 އިނގިލި، ދެން 1/2 3 އިނގިލި، ދެން 3/8 2 އިނގިލި، ދެން 1/8 2 އިނގިލި، ދެން 7/8 1 އިނގިލި ދެން (އެންމެ ފަހުން) 3/4 1 އިނގިލި އެވެ. ދެން ނަމުނަކުލި2 ފަރުބަދަ ފަހަނަޅާ ދެއެވެ. 5 ގަޑީގެ ވަޤުތުގެ ފަހުގައި ގްރޭޓް ބޭސަސް ފަރު ފެނެއެވެ. 7 ގަޑީގެ ފަހުގެ ވަޤުތުގައި ޑޮންޑްރާ ހެޑް (ސްރީލަންކާގެ ފަރުބަދައެއް) ފެނެއެވެ. އޭގެ 5 ގަޑީގެ ވަޤުތުގެ ފަހުގައި ގާލީގެ ފަރުބަދަ ފެނެއެވެ. އެތަނުން އެތަނުން ފުރައިގެން މާލެދިޔުމުން (ލިއު ފަރުބަދަ ތަކުގެ) ޤައުމަށް ދެވުނީއެވެ.3
މި ޤަުމުގެ ހުރިހާ ދިމާލަކުންވެސް އޮންނަނީ ކަނޑެވެ، ވެރިކަން ކުރާ ރަށް އޮންނަނީ ފަރުބަދައެއްގެ އަރިމަތީގައެވެ. ވެރިކަން ކުރާ ރަށަށް އޮންނަނީ ފަރުބަދައެއްގެ އަރިމަތީގައެވެ. މަތީ މީހުނާއި ދެރަމީހުންނަކީ މުސްލިމުންނެވެ. އަދި އެބަިމީހުން ކައިވެނީގެ ޙަފްލާތަކާއި ޖަނާޒާތައް އޮންނަނީ އެބައިމީހުންގެ ދީނާ އެއްގޮތަށެވެ. އެބައިމީހުންގެ އާދަކާދަ ސާފުވެފައި ވަރަށް ރަނގަޅެވެ. ފިރިހެނުން ހުދު އުއި ފޮށައެއް ނުވަތަ ރަން ކަސަބުން ޖަރީކޮށްފައިވާ ޝޯލް އެއް އަޅައެވެ. ހަށިގަނޑުގެ ތިރި ނިވާކުރަން ފޮށައެއް އަނދެއެވެ. އަންހެނުން ބޯ ނިވާކުރަން ބުރުގާ އަޅައެވެ. ހަށިގަނޑުގެ މަތި ނިވާކުރަން ކުރުހެދުމެއް ލައެވެ. އަދި ތިރިބައި ނިވާކުރަން ފޮށައެއް އަނދެއެވެ. ގައިގެ ހަނގަޑު ކަޅެވެ. މޫސުން އަބަދުވެސް ހޫނު ގަދައެވެ.
ވިޔަފާރިކުރަން ސިލްވަރު ލާރި ބޭނުންކުރެއެވެ. މަހާއި ބޮލި ވިއްކައިގެން އެބައި މީހުން ނަފާ ހޯދައެވެ. ކާންބޭނުންކުރަނީ ހަނޑުލާއި ގޮދަނެވެ. (މަސްކެއުމަށް ގެންގުޅޭ) ޖަނަވާރަކީ ގެރިބަކަރި އާއި ކުކުޅު ހާލާއި އަސްދޫންޏެވެ. ޖޯޑުފަދަ ތަކެތި ހަދަން ބޭނުންކުރަނީ ނާށްޓެވެ. އޭގެ ފަހަޖަހަނީ ފިނިފެން ވަކަރުންނެވެ. އެބައިމީހުން ދޯނިބަންނައިރު ފިލާހަރުކުރަން ދަނގަޑު އާނި ބޭނުން ނުކުރެއެވެ. އޭގެބަދަލުގައި ފިލާތަށް އެކީ ރޯނުންބަންނަނީއެވެ. އަދި އިލިވެސް ބޭނުންކުރެއެވެ. އެބައިމީހުން މާވަހަރު ހޫނުކޮށް ވިރުވައިގެން ދޯނީގެ ބޭރުގައި ފެންނުވަންނާނެހެން އުނގުޅައެވެ.3
4. މާއޯ ކުއާން ގެ ޗާޓުގައި ދިވެހިރާއްޖެ.
ތިރީގައިވަނީ މާކުއާން ޗާޓުގެ ގަނޑު 19ވީ އެވެ. މި ގަނޑުގައި 4 ޗާޓު ހިމަނައިފައިވެއެވެ. މީގައި ދިވެހިރާއްޖޭގެ ބައެއް ރަށްތައްވެސް ހިމަނާފައިވެއެވެ. މި ރަށްތަކަށް ދަތުރުކޮށްފައިވާ މިސްރާބުތައް ދީފައިވާތީ ދިރާސާވެރިން މިރަށްތަކަކީ ކޮންރައްތަކެއްތޯ ނުވަތަ އަތޮޅުތަކެއްތޯ ދަނެގަނެފައިވެއެވެ. މި ޗާޓްގައި ބޭނުންކޮށްފައިވާ 1 ވޮޗް އަކީ 2.4 ގަޑިއިރެވެ. މިސްރާބާއެކު މިއަދަދު ވެސް ދީފައިވެއެވެ. މި ވަޤުތުގައި ރިޔާނެގި އުޅަނދެއްގައި ދެވޭނެކަމަށް ލަފާ ކުރެވެނީ 20 އިނގިރޭސި މޭލަށެވެ.
ތިރީގައިވަނީ މިލް (1970) ފާހަގަ ކޮށްފައިވާ ގިނަ ތަންތަނުގެ ތެރެއިން ރާއްޖޭގެ ރަށްރަށް ކަމުގައި ބެެލެވޭ ތަންތަނެވެ. މި ގޮތުން އެ ރަށްރަށާއި އެހެން ތަންތަނާއި ދެމެދު ކުރެވޭ ދަތުރުގެ މިސްރާބު (ބެއާރިން) އާއި ލެޓިޓިއުޑް ބޭނުންކޮށް އެތަންތަން ފާހަގަކޮށްފައި ވެއެވެ،
1. ޑޮންޑްރާ ހެޑުން (ސްރީލަންކާގެ ފަރުބަދައެއް) ބަރާބަރު 255 ޑިގްރީ އަށް ދުވުމުން މާލެއަށް އާދެވޭ
2. ބެރުވަލާއިން ފުރައިގެން 255-270 ޑިގްރީއަށް އަދި 45 ވޮޗަށް ( 108 ގަޑިއިރު- 4.5 ދުވަހުން) ދުއްވައިގެން މާލެއަށް ދެވެއެވެ. މި މިސްރާބު 5 ޑިގްރީ ދަށް ވިޔަސް އޮޔާއި ވަޔަށް ކަނޑާލާ އިރު ރަނގަޅުކަމަށް ބެލެވޭ.
3. ބެރުވަލާއިން ފުރައިގެން 285-270 ޑިގްރީއަށް 45 ވޮޗަށް ( 108 ގަޑިއިރު- 4.5 ދުވަހުން) ދުއްވައިގނެް ޖިއަން ޕޫޗީ ލިއު (ފާދިއްޕޮޅު) އަށް ދެވޭކަމަށް ޗާޓް ދިރާސާކުރާ ބޭފުޅުން ލިޔުއްވާފައި ވެއެވެ. އެކަމަކު ފާދިއްޕޮޅުގެ މިސްރާބު މި ރޭންޖަކަށް ނުފެތެއެވެ. މި ބެއަރިން ދިމާވަނީ ކުޅުއްދުއްފުށި ހިސާބު އާއި އެވެ. އެހެނަސް އޮޔާވައިގެ ސަބަބުން ދެކުނަށް ގޮސް މި ބެއާރިންގ ގައި ވެސް ފާދިއްޕޮޅަށް ދެވިދާނެއެވެ. ޖިއަން ޕޫޗީ ލިއު ގެ ލެޓިޓިއުޑް އަކީ ’24 ް5 އުތުރެވެ. މިއީ ފާދިއްޕޮޅު އޮންނަ ހިސާބެވެ.
4. ބެރުވަލާއިން ފުރައިގެން 285-300 ޑިގްރީއަށް 50 ވޮޗަށް (120 ގަޑިއިރަށް- 5 ދުވަހުން) ދުއްވުމުން ޗިލައި ލިއު (ކެލާ) އަށް ދެވޭކަމަށް ބުނެފައި ވިޔަސް 285 ޑިގްރީގެ އަކީ މަލިކުގެ ބެއަރިންގ އެވެ. ނަމަވެސް މި މިސްރާބުގައި އޮޔާއެކު ދެކުނަށް ޖެހި ކެލައަށް ދެވިދާނެއެވެ. ޗިލައި ލިއުގެ ލެޓިޓިއުޑް ކަމުގައި ދީފައިވަނީ ’58 ް6 އުތުރެވެ. މިއީ ކެލައެވެ.
5. މާލެއިން ފުރައިގެން ބަރާބަރު 75 ޑޮގްރީއަށް 45 ވޮޗާސް (108 ގަޑިއިރު- 4.5 ދުވަހުން) ދުއްވުމުން ކުއިލޯން އަށް ދެވެއެވެ.
6. މާލި ޗީ ލިއު (މަލިކުން) ފުރައިގެން 60 ޑިގްރީއަށް 25 ވޮޗާސް (60 ގަޑިއިރުން- 2.5 ދުވަހުން) ކޮޗީ (ކޮޗިން) އަށް ދެވެއެވެ.
7. މާލި ޗީ ލިއު (މަލިކުން) ފުރައިގެން 60 ޑިގްރީއަށް 50 ވޮޗާސް (120 ގަޑިއިރުން- 5 ދުވަހުން) ކުލި ކުއޯ (ކަލިކަޓް) އަށް ދެވެއެވެ.
ބިބްލިއޮގްރާފީ
Ma, Huan, Chengjun Feng, and J V G Mills. 1970. Ying-Yai Sheng-Lan. “the Overall Survey of the Ocean’s Shores” [1433]. Cambridge [England] Published For The Hakluyt Society At The University Press.
Ptak, Roderich. “The Maldive and Laccadive Islands (Liu-Shan 溜 山) in Ming Records.” Journal of the American Oriental Society 107, no. 4 (1987): 675–94. https://doi.org/10.2307/603307.
Rockhill, W.W. (1915). Notes On the Relations and Trade of China With the Eastern Archipelago and the Coast of the Indian Ocean During the Fourteenth Century, T’oung Pao, 16(1), 374-392.