الزهرة ނުވަތަ ވީނަސް (ފަތިހުގެ ތަރި)

އިރާ ހަނދު ފިޔަވާ އުޑުމަތިން ފެންނަ އެންމެ އަލިގަދަ އެއްޗަކީ ޕްލެނެޓް ވީނަސް އެވެ. ވީނަސް އަކީ ސޯލާސިސްޓަމުގެ ޕްލެނެޓްތަކުގެ ތެރެއިން އެންމެ އަލިގަދަކޮށް ފެންނަ ޕްލެނެޓް އެވެ. އެންމެ އިހުޒަމާނުއްސުރެ ސޯލާ ސިސްޓަމުގެ ޕްލެނެޓްތަކުގެ ތެރެއިން މާކަރީ، ވީނަސް، މާސް، ޖުޕިޓާރ އަދި ސެޓާން އިންސާނުންނަށް އެނގެއެވެ. އެބައިމީހުންނަށް މި ޕްލެނެޓްތަކަކީ ތަރިތައްފަދަ ތަކެއްޗެވެ. މި ޕްލެނެޓްތައް ދުރުން ފެންނަ ތަރިތަކާއި އަޅާބަލާއިރު ތަފާތުގޮތަކަށް ދަތުރުކުރެއެވެ. ޕްލެނެޓް މި ބަސް އައިސްފައިވާނީ ގްރީކް ބަސް “planetes” އިންނެވެ. މީގެ މާނަޔަކީ ވަކި މަޤްސަދެއްނެތި އެއްތަނުން އަނެއްތަނަށް ދާ އެއްޗެވެ. އިހުޒަމާނުގެ ބައެއް ހަޟާރަތްތަކުގެ މީހުންނަށް ވީނަސް ފަދަ ބައެއް ޕްލެނެޓްތަކަކީ ކަލާނގެތަކެކެވެ. މިގޮތުން ސޯލާ ސިސްޓަމްގެ ޕްލެނެޓްތަކަށް މިކިޔާ “އިނގިރޭސި” ނަންތައް އައިސްފައިވަނީ ކުރީގެ ރޫމީންގެ ކަލާނގެ ތަކަކަށް ކިޔާ ނަންނަމުން ކަމުގައި ވެއެވެ. މިސާލަކަށް ރޫމީންނަށް މާރސް އަކީ ހަނގުރާމައިގެ ކަލާނގެއެވެ. އަދި ވީނަސް އަކީ ރީތިކަމާއި ލޯބީގެ ކަލާނގެއެވެ. ކްރިސްޗިއަން ދީން ރޫމީންނަށް އައުމާއި ޖެހެންދެން މިތަކެއްޗަށް އެބައިމީހުން އަޅުކަންކޮށް އުޅުނެވެ. ޕްލެނެޓްތައް ދަތުރުކުރާގޮތް އެންމެފުރަތަ ވިދާޅުވެދިން ބޭފުޅަކީ ގްރީކްގެ އެސްޓްރޮނޮމާ ޕޮޓަލްމީ މީލާދީން ދެވަނަ ޤަރުނުގެ ތެރޭގައެވެ. ޕޮޓަލްމީގެ މޮޑަލްގައި ދުނިޔެވަނީ މެދުގައެވެ، އަދި އޭގެ ވަށައިގެން އިރާއި ހަނދާ ޕްލެނެޓްތައް ދައުރުކުރެއެވެ. މި މޮޑެލް މުޅިން ރަނގަޅު ނޫނަސް ޕްލެނެޓްތައް އޯބިޓްތަކެއްގައި ދައުރުވާކަމާއި އޭގެ އަލި ގަދަވެ ފަނޑުވަނީ ކީއްވެކަން އެނގެއެވެ. ރެނައިސަންސްގެ ދުވަސްވަރާއި ޖެހެންދެން 14 ގަރުނުވަންދެން އެސްޓްރޯނޮމީގައި ހަވާލާދިން މޮޑަލްއަކަށް މި މޮޑަލް ވެފައިވެއެވެ.

ފޮޓަލްމީގެ ޕްލެނެޓްރީ މޮޑަލް

ޢަރަބިން ވީނަސް އަށް ކިޔަނީ الزهرة އެވެ. މި ބަހުގެ މާނަޔަކީ އަލިގަދަ، ރީތި އެވެ. ވީނަސް އެހާ އަލިގަދަކޮށް ފެންނަ ސަބަބަކީ ވީނަސްގެ އެޓްމޮސްފިޔާގައި ހުންނަ ވިހަގަދަ ބޯ ވިލާތަކުން އިރުގެ އަލީގެ 70 އިންސައްތަ ޖައްވުގެތެރެއަށް ރިފްލެކްޓްވާތީ އެވެ. އާންމުކޮށް އިރުއޮއްސުމަށްފަހު މަދު ގަޑިއިރެއްގެ ފަހުން ނުވަތަ އިރު އެރުމުގެ ކުރިން ހަނދުފިޔަވާ އުޑުމަތިންފެންނަ އެންމެ އަލިގަދަ އެއްޗަކީ ވީނަސްއެވެ. އެހެންކަމާއެކު ދުނިޔޭގެ އެކިތަންތަނުގެ މީހުން މި ޕްލެނެޓަށް ފަތިހުގެ ތަރި (morning star) ނުވަތަ ހަވީރު/އިރާކޮޅުގެ ތަރި (evening star) ކިޔާއުޅެއެވެ.

 

ބޮޑުކޮށް ހަނދު އަދި އޭގެ ތިރީގައި ވީނަސް

ވީނަސް އިރުގެ ވަށައި ދައުރުކުރަމުންދާއިރު ހަނދެކޭ އެއްފަދައިން އޭގެ ފޭސްއަށް ވެސް ބަދަލު އާދެއެވެ. އެއީ އަލި އުފައްދާ އެއްޗަކަށް ނުވެފައި އޭގެން ހަނދެކޭ އެއްފަދައިން އަލި ރިފްލެކްޓްކުރާތީ އެވެ. މުޅިއަހަރު ތެރޭގައި ހަމަ ލޮލަށް ވީނަސް އަބަދަކު ނުފެނެއެވެ. ވީނަސް އިރާއި ދުނިޔެއާއި ދެމެދަށް ވަނުމުން އަޅުގަނޑުމެންނަށް ފެންނަނީ ވީނަސްގެ އަނދިރި ފަރާތެވެ. ވުމާއެކު މި ޕްލެންޓް އިރު ހުރަސްކުރާއިރު އިރުމަތިން ދަތުރުކުރާ ކަޅު ތިއްކެއްގެ ގޮތުގައި ފެނެއެވެ. ވީނަސް އިރުގެ އަނެއްފަރާތަށް ދާއިރު އިރުގެ އަލީގެ ސަބަބުން ވީނަސް ހަމަލޮލަށް ނުފެނި ގެއްލިދެއެވެ. ވީނަސް އެންމެ އަލިގަދަކޮށް ދުނިޔެއަށް ފެންނަނީ އިރުއޮއްސި އިރާކޮޅުގެ ވަޤުތުތަކުގައި އާއި ފަތިސްކޮޅު އިރު އެރުމުގެ ކުރިންނެވެ.

ވީނަސް އެންމެ އަލިގަދަކޮށް ފެންނައިރު ހުންނަތަން

ޕްލެނެޓްތަކަކީ ދުނިޔެއާއި ކައިރިތަކެތި ކަމުގައިވެފައި ތަރިތަކަކީ ވަރަށް ދުރުގައިވާ ތަކެތި ކަމުގައިވާތީ. ޕްލެނެޓްތަކާއި ތަރިތައް އުޑުމަތިން ދަތުރުކުރާގޮތް އަޅުގަނޑުމެންނަށް ފެންނަނީ ތަފާތުކޮށެވެ. ޕްލެނެޓެއްގެ  ފެންނަފެނުން ބިނާވަނީ އެ ޕްލެންޓް އޯބިޓްގައި ހުންނަތަނާއި، އިރާއި ދުނިޔެ ހުންނަތަނުގެ މައްޗަށެވެ. އަދި ދުނިޔޭގެ ރޮޓޭޝަންއާއި ރެވޮލިއުޝަންގެ މައްޗަށް ވެސްމެއެވެ. ތިރީގައިވާ މަޢުލޫމާތުން ދައްކައިދެނީ 2021 ވަނަ އަހަރު ދުނިޔެއަށް ޕްލެނެޓް ވީނަސް ފެންނަ ދުވަސްވަރުގެ ކުރު ޚުލާސާއެކެވެ. މިގޮތައް ދެންނެވިޔަސް ދިރިއުޅޭ ސަރަހައްދެއްގެ ގޮތުން މިޕްލެނެޓް ފެނި އަދި ނުފެނިވެސް ހިނގައިދާނެއެވެ. ޔަޤީންކުރުމަށްޓަކައި “ޓައިމްއެންޑޭޓް” އަށް ފިއްތަވާ ލައްވާށެވެ. މި ވެބްސައިޓްގައިވާ އެނިމޭޓެޑް ވީޑިއޯއިން ރާއްޖެއަށް ވީނަސް ފެންނަނަމަ ފެންނާނީ ކޮންއިރަކުކަމާއި އިރާ ހަނދު އެރުމާއި އޮއްސުން ފަދަ މަޢުލޫމާތު ލިބިވަޑައިގަންނަވާނެ އެވެ. އަދި ވީނަސް ލޮލަށް ފެނޭތޯ (ވިސިބަލްތޯ) ނުވަތަ ނޫންތޯވެސް އެނގިވަޑައިގަންނަވާނެ އެވެ.

ޖެނުވަރީ: އިރު އެރުމުގެ ކުރިން އިރުމަތީ ފަރާތު އުދަރެހުން ވީނަސް ފެންނާނެއެވެ.
ޖޫން އަދި ޖުލައިގައި: އިރު އޮއްސުމަށްފަހު ހުޅަނގުފަރާތު އުދަރެހުން ވީނަސް ގަޑިއެއްހާއިރަށް ފެނެއެވެ.
ފެބްރުއަރީ، މާރޗް، އެޕްރީލް އަދި މޭގައި: އިރާއި ގާތަށް ވީނަސް ދިއުމުން (އުޑުމަތިން ފެންނަގޮތް) އިރުގެ އަލީގެ ސަބަބުން ހަމަލޮލަށް ނުފެނެއެވެ.
އޮގަސްޓް، ސެޕްޓެމްބަރު، އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރުގައި: އިރު ފުހުމަށްފަހު އިރާކޮޅުން މެންދަންވުމާއި ދެމެދު ހުޅަނގުން ވީނަސް ފެނެއެވެ.

 

ކީރިތި ޤުރުއާންގެ سورة الطارق  ގެ 3 ވަނަ އާޔަތުގައި ވަނީ ނިއުޓްރޯން ތަރިއެއްގެ ވާހަކަބާ؟

ތިރީގައި އެވަނީ ކީރިތި ޤުރުޢާންގެ سورة الطارقގެ 1-3 ވަނައާޔަތެވެ. އަދި 4 ފަރާތެއްގެ ތަރުޖަމާ އެވެ.

وَالسَّمَاءِ وَالطَّارِقِ ‎﴿١﴾‏ وَمَا أَدْرَاكَ مَا الطَّارِقُ ‎﴿٢﴾‏ النَّجْمُ الثَّاقِبُ ‎﴿٣﴾

އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ. (1) އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (2) އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެވެ. (3)

By the heaven and the Morning Star (1) – Ah, what will tell thee what the Morning Star is! (2) – The piercing Star! (3) – (Qur’an, 86:1-3)- Pickthall

By oath of the heaven, and by oath of the nightly arriver. (1) And have you understood what the nightly arriver is? (2) The very brightly shining star! (3)  (Qur’an, 86:1-3)- Ahmed Raza Khan

By the Sky and the Night-Visitant (therein);- (1) And what will explain to thee what the Night-Visitant is?- (2) (It is) the Star of piercing brightness;- (3)  (Qur’an, 86:1-3)- Yusuf Ali

ޢަރަބި ބަހުގެ އަދަބިއްޔާތުގައި “طارق” ބޭނުންކުރަނީ ރޭނގަޑުގައި ޒިޔާރަތްކުރާ މީހާއަށް ކަމަށް ވެއެވެ. ދުވާލުގެ ވަޤުތުތަކުގައި އަވީގެ ހޫނުގެ ސަބަބުން އިހުޒަމާނުގައި ޢަރަބިކަރައިގެ ދަތުރުވެރިން އާންމުކޮށް ގެއަށް އައިސް އުޅުނީ ރޭގަނޑުގައެވެ. ވުމާއެކު طارق، މި ލަފްޒު “ދޮރުގައި ޓަކިދޭ މެހެމާނު” ގެ ގޮތުގައި ވެސް ބޭނުންކުރަމުން އައިސްފައި ވެއެވެ. އެހެންކަމުން އެކިއެކި މަޝްހޫރު ޅެންވެރިންވެސް ރޭގަނޑުގެ މެހެމާނުގެ ގޮތުގައި ޅެންތަކުގައި މިލަފްޒު ބޭނުންކޮށްފައިވެއެވެ. މި ޙާލަތައް ރިއާޔަތްކޮށް، މިއާޔަތްތަކާއި ބެހޭގޮތުން ލިޔެފައިވާ ބައެއް ލިޔުންތަކުގައި އެއީ ޕަލްސާގެ (ނިއުޓްރޯން ތަރީގެ ބާވަތެއް) ވާހަކަކަމަށް ބުނެއުޅެއެވެ. އަދި ޕަލްސާތަކުން ޓަކިދޭއިރު ކިޔާފަދަ އަޑު އަންނަކަމަށްވެސް ލިޔެއުޅެއެވެ. ހަޤީގަތަކީ ނިއުޓްރޯން ތަރި ނުވަތަ ޕަލްސާއަކީ އަޑުގެ ރާޅުތަކެއް އުފައްދާ އެއްޗެއް ނޫނެވެ. އަޑަކީ ސްޕޭސް (ޖައްވު) ގެ ތެރެއިން ދަތުރުކުރާ އެއްޗެއް ނޫނެވެ. ޕަލްސާއަކީ އަވަހަށް އެނބުރޭ ނިއުޓްރޯން ތަރިއެކެވެ. މިފަދަ ތަރިތައް އުފެދެނީ ބިޔަ ތަރިތަކުގެ ފިއުލް ހުސްވުމުން ކަމުގައިވާތީ އެއީ ހަޤީގީ ތަރިއެއް ނޫންކަމަށް ސައިންޓިސްޓުން ބުނެއެވެ. އެވެރެޖްކޮށް 10 ވަރަކަށް މޭލު ގެ ސައިޒްގެ ޕަލްސާ ވެސް އާދަޔާއި ޚިލާފް ބާރު ސްޕީޑްގައި އެނބުރެމުން ދެއެވެ. މިފަދަ ނިއުޓްރޯން ތަރިއަކީ، ބިޔަ ތަރިއެއް ސްޕަނޯވާ އެކްސްޕްލޯޝަނުން ގޮވުމަށްފަހު ބާކީވާ އޭގެ “ކޯ” އެވެ. މި ކޯ އެތެރެއަށް ގޮވައި އެނބުރެއެވެ. އާންމުކޮށް އޭގެން ޖައްވަށް ދޫކުރަނީ އެކްސްރޭ އާއި ގެމަރޭއެވެ. ބައެއް ތަކެތިން އަލި ލިބުނަސް އެތަކެތީގެ އަލި އެހާ ގަދައެއް ނޫނެވެ. ޕަލްސާތައް ހަމަ ލޮލަކަށް ނުފެނެއެވެ. އޭގެ ސައިޒް ކުދި ވުމުން އޮޕްޓިކަލް ޓެލެސްކޯޕްތަކުން ވެސް ހޯދަން ފަސޭހައެއް ނޫނެވެ. ޕަލްސާތަކުން ރޭޑިއޭޝަން ޖައްވުގެ ތެރެއަށް ފޮނުވަނީ ނިއުޓްރޯން ތަރީގެ ދެ ޕޯލުން ބީމެއްގެ ގޮތަށެވެ. ޤަބޫލުކުރެވޭ ގޮތުގައި، އެއީ ނިއުޓްރޯން ތަރީގެ ފޯލްގެ ކައިރީ ހުންނަ ވަރުގަދަ މެގްނެޓިކް ފީލްޑްގެ ސަބަބުންނެވެ.  ނިއުޓްރޯން ތަރި އެނބުރޭއިރު ރޭޑިއޭޝަންގެ ބީމް ދުނޔެއާއި ހަމައަށް އައުމުން ޕަލްސްތަކެއްގެ ގޮތުގައި ދުނިޔޭގައި ގެންގުޅޭ މިންކުރާ އާލާތްތަކަށް ލިބެއެވެ. ފެނިފައިވާ ގިނަ ޕަލްސާތައް 400 އަލިއަހަރަށްވުރެ ވެސް ދުރެވެ. ވުމާއެކު މި އާޔަތްތަކުގައި މިވަނީ ޕަލްސާގެ ވާހަކަ ކަމުގައި އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.

ޕަލްސާއިން ރޭޑިއޭޝަންގެ އަންނަގޮތް ދައްކާދޭ އެނިމޭޝަނެއް (ލައިޓްހައުސް އިފެކްޓް) – ސޯސް: wikimedia

سورة الطارق ފުރަތަ އާޔަތާއި ތިންވަނަ އާޔަތައް ބަލާއިރު އެއީ އާންމުކޮށް ރޭގަނޑަށް ފެންނަ ނަޒަރު ހުއްޓުވާފަދަ އަލިގަދަ ތަރިއެކެވެ. މިގޮތުން ކުރިން ދެންނެވިހެން އިރާހަނދު ފިޔަވާ އެންމެ ފައުޅުކަން ބޮޑުކޮށް އަލި ދޭ އެއްޗަކީ ޕްލެނެޓް ވީނަސް ކަމުގައިވާތީ އަޅުގަނޑު ދެކެނީ މިތަނުގައި އެވަނީ އެ ޕްލެނެޓްގެ ވާހަކަކަމުގައެވެ. ދެވަނަ އާޔަތަކީ ވަރަށް ސައިންޓިފިކް ސުވާލެއް އޭގައިވާ އާޔަތެކެވެ. އެއާޔަތުގައި އެއީ ކޮންއެއްޗެއްކަން ރަސޫލާއަށް އަންގައިދިނީ ކޮންއެއްޗެއްތޯ ސުވާލުކުރައްވާފައި ވެއެވެ. ވީނަސް އަކީ ތަރިއެކޭ ބުނެއުޅުނަސް އެއީ އަމިއްލައަށް އަލިއުފައްދާ ތަރިއެއްނޫންކަމާއި އަލިއެޅިގެން ފެންނަ އެއްޗެއްކަން އެނގެނީ އޭގެ ފޭސްއަށް އެކި ރޭރޭ އަންނަބަދަލުންނެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި ދެވަނަ އާޔަތުގެ ޖަވާބަކީ އެއީއެވެ. ވީނަސް އަކީ ތަރިއެއްނަމަ އެގޮތަށް ދުނިޔެއަށް ފެންނަ ބައްޓަން ބަދަލެއް ނުވާނެއެވެ. ވުމާއެކު ވީނަސްގެ ބަދަލުވަމުންދާ ބައްޓަމުން އެއީ ތަރިއެއް ނޫންކަން އަންގާދެއެވެ. ވީނަސްގެ ފޭސްއަށް ޖެހިޖެހިގެން އަންނަރޭގައި އަންނަ ބަދަލު ފާހަގަ ނުކުރެވުނަސް ހަނދުފަޅީގެ ބައްޓަމަށް (ކްރެސެންޓް) އަންނައިރު ލޮލަށް އެބަދަލު ފެނެއެވެ. ވީނަސްގެ ފުރިހަމަ ޕްލެނެޓަރީ ފޭސްތަކަށް އަންނަބަދަލު ޓެލެސްކޯޕަކުން ފުރަތަ ބެއްލެވީ 1610 ގައި ގެލެލެއޯ އެވެ. ތިރީގައިވާ ތަސްވީރުން ދައްކައިދީފައިވަނީ ވީނަސްގެ ފޭސްތަކެވެ.

ވީނަސްގެ ފޭސްތައް: ސޯސް- wikimedia

އަޅުގަނޑުދެކޭގޮތުގައި طارق އައިސްފައިވަނީ ވީނަސް އާންމުކޮށްފެންނަނީ ރޭގަނޑު އެކިރޭރޭ އެކިވަޤުތުތަކުގައި މަދު ގަޑިއިރުތަކަކަށް ކަމުގައިވާތީ އެވެ، އަދި ބައެއް ދުވަސްވަރު އެއްގޮތަކަށްވެސް ވީނަސް ހަމަލޮލަށް ލުފެންނާތީއެވެ. މި ޙާލަތަށް ބަލާއިރު ވީނަސް އަކީ ދުނިޔެއަށް ފެންނަ ދަތުރުވެރިއެކެވެ. ދެން އުފެދޭ ސުވާލަކީ ވީނަސްއަކީ ތަރިއެކޭ ބުނެފިނަމަ ޤުރުއާނުގައި ސައިންޓްފިކް ކޮންސެޕްޓެއް ނުބައިކޮށް އޮތީ ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. އިންސާނުން އެއަށް ތަރިއޭ ކިޔާތީ (ލޮކިއުޝަނެއް) އެގޮތަށް އައިސްފައިވަނީއެވެ . ހަމަ ކަށަަވަރުން ވީނަސް އަކީ ކޮންއެއްޗެއްކަން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ޕްލެންޓްތަކާއި ބެހޭ ސައްޚަ މަޢުލޫމާތު އާންމުކޮށް މީހުންނަށް ލިބެންފެށީ ވަރަށް ފަހުންނެވެ. މިއަދު ޕްރައިމަރީ ސްކޫލުތަކުގެ ދަރިވަރުންނަށް ވެސް ވީނަސްއަކީ ހަޤީގަތުގައި ތަރިއެއް ނޫންކަން އެނގެއެވެ.

ސިރިއަސް A އަދި B (ވައަތްފަރާތު ތިރީގައި)- ސޯސް: wikimedia

ތަރިތަކުގެ ތެރެއިން އެންމެ އަލިގަދަކޮށް ދުނިޔެއަށް ފެންނަ ހުދު-ނޫ ތަރިއަކީ ކެނިސްމޭޖާރ ކޮންސްޓިލޭޝަންގައި އިންނަ ބައިނަރީ ސިސްޓަމްގައި ވާ ސިރިއަސް A (ޑޯގް ސްޓާރ ނުވަތަ الشعرى) އެވެ. އިރަށްވުރެ 25.4 ގުނަ މިތަރިއަލިގަދަޔަސް 8.5 އަލިއަހަރުދުރުގައި އިންނާތީ ވީނަސް އަށް ވުރެ 17 ގުނަ ދައްކޮށް އޭގެ އަލި ދުނިޔެއަށް ފެނެއެވެ. ސިރިއަސް B (ޕަޕީ) އަކީ ރެޑް ޖަޔަންޓް ސްޓޭޖް ނިމި ވައިޓްޑްވާފަކަށް ބަދަލުވެފައިވާ ކުޑަކުޑަ ތަރިއެކެވެ. ސިރިއަސް ނުވަތަ ޑޯގް ސްޓާރގެ ޚާއްސަކަމަކީ ސިރިއަސް އިރު އެރުމުގެ ކުޑަ ހިނދުކޮޅެއް ކުރިން އިރުމަތީފަރާތުން އަރަނީ ބަރާބަރު އަހަރަކު އެއްފަހަރުއެވެ. އެއީ ކޮންމެ 365.25 ދުވަހުން އެއް ފަހަރުއެވެ. މި ތަރި މިގޮތަށް އެރުމުން ނީލަކޯރުގެ ފެން ބޮޑުވާން ފަށަން ކައިރިވީކަން ގަދީމީ މިސުރު މީހުން ދަނެއެވެ. ސިރިއަސް އާއި ބެހޭގޮތުން سورة النجم 49 ވަނަ އާޔަތުގައި އައިސްފައިވަނީ ﷲ އަކީ އެތަރީގެ ވެރިރަސްކަލާނގެ ކަމުގައެވެ. މިތަރިއަކީ އިސްލާމް ދީން ފައުޅު ކުރެއްވުމުގެ ކުރިން ބައެއް ޢަރަބިން އަޅުކަންކޮށް އުޅުނު އެއްޗެކެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި سورة الطارقގެ 1-3 ވަނައާޔަތުގައިވަނީ  ސިރިއަސްގެ ވާހަކައެއް ވެސް ނޫނެވެ. ސަބަބަކީ ދުނިޔެއަށް ފެންނަ އިރު ސިރިއަސް އެހާ އަލިގަދައެއް ނޫނެވެ.

وَأَنَّهُ هُوَ رَبُّ الشِّعْرَىٰ ‎﴿٤٩﴾

އެކަލާނގެއީ، الشعرى އޭ ކިއުނު ތަރީގެ ވެރިރަސްކަލާނގެއެވެ. (ޤުރުއާން، 53:49)

ކާއިނާތުގައިވާ އެތައް ހާސްގެލެކްސީގައި އިރަށްވުރެ އެތައް ގުނައެއް އަލިގަދަ ތަރިތައްވެސް ވެއެވެ. އެކަމަކު މީގެ ބައެއް ތަރިތައް ދުނިޔެއާއި ދުރުވުމުން އޭގެ އަލި ހަމަލޮލަށް ޓެލަސްކޯޕަކާއި ނުލާ ނުފެނެއެވެ.