އިރުގެ ޙަޔާތުގެ ވާހަކަ: އުފަންވުމާއި ނެތި ދިއުން – ޤުރުއާނާއި ސައިންސްގެ އަލީގައި

މުޙައްމަދު ޖަމީލް (8 މެއި 2021)

ޚުލާސާ

އިންސާނުން ހޮހޮޅަތަކުގަ އާއި ޖަންގަލީތަކުގައި ދިރިއުޅެމުން ދިޔަ ދުވަސްވަރުން ފެށިގެން އުޑުމަތިން ފެންނަ އިރާއި ހަނދާއި ތަރިތައްފަދަ ތަކެއްޗާއި މެދު ވިސްނާ ފިކުރުކޮށް އެއީ ކޮން ތަކެއްޗެއްތޯ ސުވާލުކުރަމުން ގޮސްފައިވެއެވެ. އެ ތަކެއްޗަކީ އަޖައިބު ކުރުވަނި ތަކެތީގެ ގޮތުގައި އެބައިމީހުން ދެކެމުން އައިސްފައިވެއެވެ. ދުވަހާއި މަހާއި އަހަރުތައް ގުނުމަށާއި އަދި ވަކިވަކި ދުވަސްތައް ކުރިއަށް ލަފާކުރުމަށް އިރާ ހަނދާއި ތަރިތައް ބޭނުންކުރަމުން ގޮސްފައިވެއެވެ.  ޖާހިލިއްޔަ ޒަމާނުގައި މިފަދަ ތަކެއްޗަކީ މާތްތަކެތީގެ ގޮތުގައި ބަލައި އިންސާނާ ކުރާ އެކިއެކި ކަންކަމާއި ގުދުރަތީ ހާދިސާތަކަކީ މިތަކެތީގެ ބާރުގެ ދަށުގައި ހިނގާ ކަންކަންކަމަށް ދެކި އެއްބަޔަކު މިތަކެއްޗަށް އަޅުކަން ކުރަމުން ގޮސްފައި ވެސް ވެއެވެ.

އުޑުމަތިން އަލިކަންދޭ ދެ ބާވަތެއްގެ އެއްޗެތި ވެއެވެ. ބައެއް ތަކެއްޗަކީ ތަރިތަކުގެ އަލިއެޅިގެން އެތަކެތި ފެންނަ، އެކަމަކު އަލި ނުއުފައްދާ ތަކެއްޗެވެ. އަލި އުފައްދާ ތަކެތީގެ ތެރޭގައި އެކި މަރުހަލާގެ ތަރިތަކާއި ގެލްކްސީ ކިޔާ ތަރިފުނިތައް ވެއެވެ. އިރަކީ އަޅުގަނޑުުމެންނާ އެންމެ ގާތުގައިވާ ތަރިއެވެ. އޭގައި ހިނގާ ނިއުކްލިއާރ ރިއެކްޝަންގެ ސަބަބުން އޭގެން އަލި އުފައްދައެވެ. އިރު ވެސް ކޮންމެވެސް ދުވަހަކުން އޭގެ ފިއުލް ކަމުގައިވާ ހައިޑްރިޖަން ހުސްވުމުން އަލިކަން ފިލާ ދެއެވެ. މި މަޒްމޫނުގައި ބަލާލާފައި ވަނީ އޭގެ ހަޔާތުގައި ކަނޑައްތު ކުރާ ތަފާތު މަރުހަލާތަކުގެ މައްޗަށެވެ. އަދި ކީރިތި ޤުރުއާނުގައި އެ މަރުހަލާތަކާއި ގުޅޭގޮތުން އައިސްފައިވާ ވާހަކަތަކުގެ މައްޗަށެވެ. މި މަޒްމޫނުގައި ހިމަނާފައިވާ ބައިތަކަކީ؛

1. އިރާއި އޭގެ ނިޒާމް އަދި މިލްކީވޭ ގެލެކްސީ
2. ނެބިއުލާއިން އިރު އުފަންވުން
3. އިރުގެ ނިޒާމު އުފެދިތަރިތައް ފެންނަންފެށުން
4. ރޭދުވާ ބަދަލުވުމުގައި އިރުގެ ދައުރު
5. މިލްކީވޭއާއި އެންޑްރޮމެޑާ ގެލެކްސީ ގުޅުން
6. އިރުގެ ދައުރުކުރުން ހުއްޓުން
7. ރެޑް ޖަޔަންޓް ސްޓޭޖްގައި އިންނަ އިރު
8. ވައިޓް އަދި ބްލެކް ޑްވާފް ސްޓޭޖްގައި އިންނައިރު
9. މުހިއްމު ވީޑިއޯތައް
10. ބިބްލިޔޮގްރާފީ

އިރާއި އޭގެ ނިޒާމް އަދި މިލްކީވޭ ގެލެކްސީ 

ރޭގަނޑު އުޑުމައްޗަށް ބަލާލުމުން ދުރާއި ގާތުން ދިއްލިފައިވާ ބޮކިތަކެއް ފަދައިން އުޑު މަތިން ތަރިތައް ފެނެއެވެ. ދުނިޔެއާއި އެންމެ ގާތުގައިވާ ތަރިއަކީ އިރެވެ. ދުރުން ފެންނަ ތަރިތަކުގެ ތެރޭގައި އިރަށް ވުރެ ކުދި އަދި ބިޔަ ތަރިތަކާއި އިރުގެ ސައިޒުގެ ތަރިތައް ވެސް ވެއެވެ. ދުނިޔެއާއި އެތަރިތައް ދުރުވުމުން ކުދިކޮށް ފެންނަނީއެވެ. އިރުން އަލި ދުނިޔެއަށް އަންނަން 8 މިނެޓް 20 ސިކުންތު ނަގައެވެ. އިރާއި ދުނިޔެއާއި ދެމެދު 146.6 މިލިއަން ކިލޯ މީޓަރު ހުރެއެވެ. ދުނިޔެއާއި ގާތުގައިވާ އަނެއްތަރިއަކީ އިރަށްވުރެ 269 ހާސް ގުނަ ދުރުގައިވާ ޕްރޮކްސިމާ ސެންޓޯރީ އެވެ. އޭގެން އަލި ދުނިޔެއަށް އަންނަން 4.2 އަހަރު ނަގައެވެ. މިތަރީގެ ވަށައިގެން 2 ޕްލެނެޓެއް ދައުރުކުރެއެވެ. އަޅުގަނޑުމެންނަށް ލިބިގެންވާ ޓެކްނޮލޮޖީގެ އެހީގައި އެންމެ އަވަހަށް ދަތުރުކުރިނަމަ ވެސް މީގެ ޕްލެނެޓަކަށް ވާސިލްވާން 6300 އަހަރު ނަގާނެއެވެ. މިއީ އަލިކަން ފަނޑު އަދި އިރަށްވުރެ 8 ގުނަ ކުަޑަ ތަރިއަކަށް ވާތީ ހަމަ ލޮލަށް ނުފެންނަ ތަރިއެކެވެ.

ޕްރޮކްސިމާ ސެންޓޯރީ އަކީ ދުނިޔެއާއި އެންމެ ގާތްތަރިއެވެ: ސޯސް: Hubblesite

އިރާއި އޭގެ ނިޒާމްގެ ޕެލެނެޓްތައް ނިސްބަތްވަނީ އިރުފަދަ 100 ހާސް މިލިޔަނަށްވުރެ ގިނަތަރި އެކުލެވިގެންވާ  މިލްކީވޭ ގެލެކްސީ ކިޔާ ތަރިފުންޏަކަށެވެ. އިރާއި އޭގެ ނިޒާމު މިލްކީވޭގެ ވަށައިގެން ގަޑިއަކު 828،000 ކިލޯމީޓަރުގެ ބާރުމިނުގައި ދައުރުކުރެއެވެ. މިގޮތުން ކޮންމެ 230 މިލިޔަން އަހަރަކުން މިލްކީވޭގައި ބުރެއްޖަހައެވެ. އަޅުގަނޑުމެންގެ ހަމަ ލޮލަށް ފެންނަ ހުރިހާ ތަރިތަކަކީ މިލްކީވޭގެ ތަރިތަކެވެ. އެހެން ގެލެކްސީތަކުގެ ތަރިތައް ވަކިން ފެންނަވަރަށްވުރެ އެ ގެލެކްސީތައް މާ ދުރެވެ. ކާއިނާތުގައި ގެލެކްސީތައް ވެސް ހުންނަނީ ގްރޫޕްގްރޫޕަށެވެ. މިފަދަ ގްރޫޕްތަކަށް ކިޔަނީ ގެލެކްސީ ކްލަސްޓާރ އެވެ. މިލްކީވޭ ނިސްބަތްވާ ކްލަސްޓާރ އަށް ކިޔަނީ ލޯކަލް ގްރޫޕެވެ. މި ގްރޫޕްގައި 30 ވަރަކަށް ގެލެކްސީ 10 މިލިޔަން އަލިއަހަރުގެ ދުރުމިނަށް ފެތުރިފައިވެއެވެ. އަލި އަހަރަކީ އެއް އަހަރުތެރޭ އަލި ދަތުރުކުރާ ދުރުމިނެވެ. ވުމާއެކު މިގެލެކްސީތައް ހުރަސް ކުރަން އަލިވެސް 10 މިލިޔަން އަހަރު ނަގައެވެ. ބައެއް ގެލެކްސީތައް ތިރީގައިވާ ފޮޓޯއިން އެ ފެންނަފަދައިން ދުންތަރިތަކުގެ ސިފައިގައި  އެކި ބައްޓަންތަކަށް ހަމަލޮލަށް ވެސް ފެނެއެވެ. 

އެބެލް 370 ގެ ގެލެކްސީ ކްލަސްޓާރ ގައި އެކިއެކި ބައްޓަމަށް ހުރި ގެލެކްސީތައް. ކޮންމެ ގެލްކްސީ އަކީ އެތައް މިލިޔަން ތަރިތަކެއް. (ހަބަލް ޓެލެސްކޯޕް): ސޯސް- scitechdaily

ހަނދުގެ އަލިކަން ނުވާ، އުދަރެހައް ބިމުން އަލިއަރައިފައި ނުހުންނަ ތަންތަނުން ގާތްގަނޑަކަށް 9 ގެލެކްސީއާއި 13 ވަރަކަށް ނެބިއުލާ ޓެލެސްކޯޕެއްގެ އެހީއާއި ނުލާ ލޮލަށް ފެނެއެވެ. ދުނިޔެއާއި އެންމެގާތުގައި އަޅުގަނޑުމެންގެ ލޯކަލްގްރޫޕްގައި ހިމެނޭ ގެލެކްސީއަކީ ކެނިސް މޭޖާރ ޑްވާފް ގެލެކްސީ އެވެ. މި ގެލެކްސީ އިން އަޅުގަނޑުމެންނާއި ހަމަޔަށް އަލި އަންނަން 25000 އަހަރު ހޭދަވެއެވެ. ޖައްވަށް ދަތުރުކުރާ ސްޕޭސް ޝަޓަލްގެ ސްޕީޑްގައި (ގަޑިޔަކު 28،000 ކިލޯމީޓަރު) ދަތުރުކުރިއަސް އިންސާނުންނަށް އެހިސާބަށް ދާން 9.6 ބިލިޔަން އަހަރު ނަގާނެއެވެ. މީގެ މާނަޔަކީ މިއަދު އިންސާނުންގެ އާއިލާތަކެއް އެފަދަ ދަތުރެއް ފެށިނަމަ އެތައް ބިލިޔަން ޖަނަރޭޝަންއަށްފަހު އެހިސާބަށް ނުދެވެނީސް އަޅުގަނޑުމެންގެ އިރާއި އޭގެ ނިޒާމް ވާނީ ފަނާވެގޮސްފައެވެ.