ފެނުގައި ތަރުކާރީއާއި މޭވާ ހެއްދުން (ސޮއިލްލެސް ކަލްޗާރ)
ޚުލާސާ
ފެނުގައި ތަރުކާރީއާއި މޭވާހެއްދުމަކީ އޭގެން ގިނަލާބަޔާއި މަންފާތަކެއް ލިބޭކަމެކެވެ. އެއީ މުނިފޫހިފިލުވުމުގެ ގޮތުން ކުރުން ކަމުގައި ވިޔަސް އަދި އާމްދަނީއެއް ހޯދުމުގެގޮތުން ކުރުން ކަމުގައި ވިޔަސްމެއެވެ. ފެނުގައި ގަސްހެއްދުމަކީ ވިޔަފާރީގެ އުސޫލުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވަރަށް ފުޅާކޮށް ތަރައްޤީވަމުން އަންނަ ދަނޑުވެރިކަމުގެ ގޮތެކެވެ. ފަހުގެ އަހަރުތަކުގައި މި ދާއިރާއަށް ގެނެވުނު ކުރިއެރުންތަކުގެ ސަބަބުން މީހުން ބައިބޯ ސިޓީތަކުގައި ފާމިންގ ފެކްޓްރީތަށް ދަނީ އަޅަމުންނެވެ. ބޭނުންނުކޮށް ދޫކުރެވިފައިވާ އިމާރާތްތަކުގައި ވާޓިކަލް ފާމިންގް އަށް ކުންފުނިތަކުން ބިލިޔަނުން އިންވެސްޓް ކުރަމުންދެއެވެ. ކޮންޓްރޯލް ވެށީގައި ކުރެވޭ މި ދަނޑުވެރިކަމުގައި ޕެސްޓިސައިޑާއި އެތައް އޭކަރުގެ ބިމާއި ގިނަ ފެން ބޭނުން ކުރަން ނުޖެހެއެވެ. އަދި ޓްރާންސްޕޯޓަށް ކުރެވޭ ޚަރަދުތައް ކުޑަވެ ތާޒާ މޭވާއާއި ތަރުކާރީ ކާމޭޒަށް އަވަހަށް ލިބެއެވެ. އޭގެ އިތުރުން ޒުވާނުން މި ދަނޑުވެރިކަމަށް ގެނައުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. ވިޔަފާރިއަށް ނޫނަސް ދުނިޔޭގެ އެކިކަން ކޮޅުތަކުގައި ގިނަބަޔަކު ކުދިކުދި ސިސްޓަމްތަކުގައި ގޭގައިވެސް ފެނުގައި ގަސް ހައްދާ އުޅެއެވެ. މިހާހިސާބަށް ދިރާސާތަކުން ދައްކާފައިވަނީ ވެލީގައި ހައްދާ މޭވާ އާއި ތަރުކާރީއާއި އަޅާބަލާއިރު ހުންނަ ނިއުޓްރިއަންޓްސްގެ ފަރަގެއް ނުހުންނަކަމެވެ. ނަމަވެސް ވެލީގައި ހައްދާ ބާވަތްތަކަށްވުރެ ފެނުގައި ހައްދާބާވަތްތަކުގެ ގަސްތަކުގެ ސިއްޙަތު މާރަގަޅުކަމުގައެވެ. އަޅުގަނޑުގެ މި މަޒްމޫނުގައި ހިމެނިގެންވަނީ ތިރީގައިވާ ބައިތަކެވެ.
2- ހައިޑްރޯފޯނިކްސްގެ ތައާރަފް
3- ފެނުގައި ހައްދާތަފާތު ބާވަތުގެ މޭވާއާއި ތަރުކާރީ
4- ގަސްހައްދަން ބޭނުންވާ ފެން ތައްޔާރުކުރާނެގޮތް
5- pH ބަލާނެގޮތް
6- ގަހަށް ބޭނުންވާ ނިއުޓްރިއަންޓް ސޮލިއުޝަން ހަދާނެގޮތް
7- ގޭގައި ބޭނުންކުރެވިދާނެ ކުދި ހައިޑްރޮފޯނިކްސް ސިސްޓަމްތައް
8- ގްރޯއިންގ މީޑިއަމް (ގަސް އިންދާ ބާވަތްތައް)
9- އޮށުން ގަސްފެޅުވުމާއި ގޮފިކޮޅަށް މޫލެއްވުން
10- މައު ޖޯޑުކުރުވުން
11- ނިންމުން
12- ބޭނުންތެރި ވީޑިއޯތައް
1- ހައިޑްރޯޕޯނިކްސްގެ ތައާރަފް
ޤުދުރަތީގޮތުން ގަސްގަހާގެހި އޭގެ ޒާތުގައި ހެދެނީ ވެލީގައެވެ. ވެލީގައި ގަހަށް ބޭނުންވާ މުހިއްމު މިނަރަލްސް އާއި ކާނާ ވެއެވެ. މިކާނާ ވެލިއާއި އެކުވާ ތަފާތުގޮތްތައް ވެއެވެ. އެއްގޮތަކީ ޖަނަވާރާއި އެހެނިހެން ދިރޭތަކެތީގެ ހަށިތަކުން ބޭރުވާ ނަޖިސް ވީރާނާވެ ވެލިއާއި އެކުވުމެވެ. އަދި ބައެއްފަހަރަށް މަރުވާ ގަސްގަހާގެއްސާއި ޖަނަވާރުފަދަ ތަކެތީގެ ހަށި ވީރާނާވެ ވެލިއާއި އެކުވެގެންނެވެ. އަނެއްބައި ފަހަރަށް ވައިގެތެރެއިންނާއި ކުދިކުދިވެ ވެލިއަށްވާ ހިލައިންނާއި ބެކްޓީރިޔާ ގެ ޒަރީއާއިންވެސް ކާނާ ވެލިއާއި އެކުވެއެވެ. ދަނޑުގޮވާން ކުރުމަށް ވެލީގައި ގަސް އިންދާނަމަ ވެލިއަށް އިތުރުކާނާ ދޭންޖެހެއެވެ. މީގެ ސަބަބަކީ ގަސްގަހާގެހި ވެލީގައި ހުންނަ ކާނާ ބޭނުން ކުރުމާއި ވެލިއަށް ކުރުމުއްދަތެއްގެ ތެރޭގައި އެކާނާ އިޔާދަނުވާތީއެވެ. ވެލީގައި ގަސްގަހާގެހި ހަރުލައި ބަހައްޓައިދީ ގަހުގެ މުލަށް ޖައްވުން ވައިފޯރުކޮށްދީ ގަހަށްބޭނުންވާ ފެނާއި ތެތްކަން ހޯދަދެއެވެ. ވެލީގައި ގަސްހެއްދުމުން ދިމާވާ ގޮންޖެހުންތައް ވެސް ހުރެއެވެ. މިގޮތުން ރާއްޖެފަދަ ޤައުމުތަކުގެ ބިމުގެވެލީގައި އެކިއެކި ބާވަތްތަކުގެ ގަސްގަހާގެއްސަށް ބޭނުންވާ ކާނާ ފުރިހަމަޔަށް ނެތުމަކީ މައްސަލައެކެވެ. ވުމާއި އެކު ކާނާ ޤަތުމަށްޓަކައި ގިނަ ޚަރަދުތަކެއް ދަނޑުވެރިން ކުރަންޖެހެއެވެ.
ހައިޑްރޮޕޯނިކްސް އަކީ ވެލިއާއި ނުލާ ގަސްހެއްދުމުގެ ވައްޓަފާޅިއަށް ކިޔާނަމެކެވެ. ބައެއްފަހަރަށް މިބަހުގެ ބަދަލުގައި “ސޮއިލް ލެސް ކަލްޗާރ” ވެސް ކިޔާއުޅެއެވެ. ހައިޑްރޯޕޯނިކްސްގައި ގަހަށްބޭނުންވާ ކާނާ ދެނީ ފެނަށް ގިރައިގެންނެވެ. ވެލީގައި ގަސް ހައްދާނަމަ ގަހަށްފެންދޭއިރު ގަހުގެ ބުޑަށް މިފެން ދިނުމުން ވެސް ގަސް ރަގަޅަށް ހެދެއެވެ. ހައިޑްރޮޕޯނިކްސް ސިސްޓަމްތަކުގައި ގަސް ހައްދާއިރު ގަސް ހުންނަނީ ބޮބިކުނޑި، ސްޕަންޖު ނުވަތަ އެނޫންވެސް ކެމިކަލްގެ އަސަރުނުކުރާ ބާވަތެއްގެ އެއްޗެއްގައި ގަސް އިންދާފައެވެ. އެއީ ގަހުގެ މޫ ކާނާ އެކުލެވިފައިވާ ފެނުގެތެރޭގައި ހުންނަ ގޮތަށެވެ. ވެލީގައި ގަސް ހިފަހައްޓައި ދިނުމަށް ވެލި އެހީވިޔަސް ހައިޑްރޮޕޯނިކްސް ސިސްޓަމްތަކުގައި ގަސް ހެދި ބޮޑުވަމުންދާއިރު ގަސް ތިރިވެ ނުވެއްޓޭގޮތަށް ސަޕޯޓެއް ދެވިފައި ހުންނަންޖެހެއެވެ. ހައިޑްރޮޕޯނިކްސްގެ އެންމެ ބޮޑުފައިދާ އަކީ ގްރީންހައުސް ފަދަ ތަންތަނުގައި އަލިއާއި އަތްވާއި ހޫނުން ގަސް ސަލާމަތްކޮށްދޭނެ މާޙައުލެއް ޤާއިމް ކުރަން ފުރުސަތު ލިބޭތީއެވެ. އަދި ވައިގެތެރެއިންނާއި ވެލީގެ ޒަރިއްޔާއިން ފެތުރޭ އެކިއެކި ގަހަށްޖެހޭ ބަލިތައް ކޮންޓްރޯލް ކުރަން ފަސޭހަވުމެވެ. ވުމާއި އެކު ހައިޑްރޮޕޯނިކްސް ބޭނުންކޮށްގެން މުޅިއަހަރުތެރޭ ގަސްހައްދާ މޭވާއާއި ތަރުކާރީ ލިބުމުގެ ފުރުސަތު ފަހިވެގެންދެއެވެ.