Author: Mohamed Jameel, Published: 19 June 2020

ކިޔުއްވި ބޭފުޅުން: 14228

މަސް ބޭނުންކޮށްގެން ގަސް ހެއްދުން (އެކުއަޕޯނިކްސް)

ޚުލާސާ

މި މަޒްމޫނުގައި އަޅުގަނޑު ލިޔެފައިވަނީ މަސް ބޭނުންކޮށްގެން ތަރުކާރީ އާއި މޭވާގަސް ހައްދާނޭގޮތުގެ މައްޗަށެވެ. މިގޮތަށް ގަސް ހެއްދުމަށް ކިޔަނީ “އެކުއަޕޯނިކްސް” އެވެ. އެކުއަޕޯނިކްސް އަކީ އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް ފެނުގައި ގަސްހެއްދުމުގެ ދަނޑުވެރިކަމުގެ ބާވަތެކެވެ. ޓޭންކުތަކެއްގައި ގެންގުޅޭ މަސް ފެނަށް ދޫކުރާ ނަޖިސް ފެނާއި އެކުވުމުން އެފެން ގަސްހެއްދުމަށް، އޭގެ ކާނާގެ ގޮތުގައި ބޭނުންކުރެއެވެ. މި މަޒްމޫނުގައި އަޅުގަނޑު ބުނެދީފައިވަނީ އެފަދަ ސިސްޓަމްތައް މަސައްކަތްކުރާ ގޮތާއި ބައެއް ސިސްޓަމްތައް ހަދާނެގޮތެވެ.

 

އެމެރިކާގެ ހައިސްކޫލް ދަރިވަރަކު ޒިޔާރަތްކުރި މީހަކަށް އެ ސްކޫލްގެ އެކުއަޕޯނިކްސް ސިސްޓަމް މަސައްކަތް ކުރާގޮތް ބުނެދެނީ

ސ. ހިތަދޫ “ޒިގްޒެގް” ފިހާރައިގައި ހަދާފައި ހުރި އެކުއަޕޯނިކްސް ސިސްޓަމް (ފޮޓޯ: ޝުއައިބް)

މި މަޒްމޫނުގައި ހިމަނާފައިވާ ބައިތައް ތިރީގައި ވަނީ އެވެ. 

1 މަސްޓޭންކް ބޭނުންކޮށްގެން އެކުއަޕޯނިކްސް ސިސްޓަމެއް ހަދާނެގޮތް

2 އެކުއަޕޯނިކްސް ބޮޑު ސިސްޓަމެއް ހަދާނެގޮތް

3 އެކުއަޕޯނިކްސްގައި ބޭނުންކުރާ ހައިޑްރޮޕޯނިކްސް ސިސްޓަމްތައް

4 ބޮޑެތި ސިސްޓަމްތަކުގައި ބޭނުންކުރާ ފިލްޓަރުތައް

5 ގަހަށް ބޭނުންވާ ކާނާ މަދުވުމުގެ މަސައްސަލަ ހައްލުކުރާނެގޮތް

6 ނިންމުން

7 ބޭނުންތެރި ވީޑިއޯތައް

 

1 މަސްޓޭންކް ބޭނުންކޮށްގެން އެކުއަޕޯނިކްސް ސިސްޓަމެއް ހަދާނެގޮތް

“އެކުއަޕޯނިކްސް” އަކީ އެކުއަކަލްޗާރ އާއި ހައިޑްރޮޕޯނިކްސް ބޭނުންކޮށްގެން ކުރާ ދަނޑުވެރިކަމުގެ ބާވަތަކަށް ކިޔާ ނަމެކެވެ. އެކުއަކަލްޗާރއަކީ ކާނާގެ ގޮތުގައި ތަފާތު ބާވަތުގެ މަހާއި ޕްރޯން ފަދަ ތަކެތި އާލާކޮށް ގެންގުޅުމެވެ. ހައިޑްރޮޕޯނިކްސްއަކީ ފެނުގައި ގަސްހެއްދުމެވެ. ތިރީގައި މިވަނީ ގޭގައި ހެދިދާނެ މިފަދަ DIY ސިސްޓަމަކާއި އެސިސްޓަމް މަސައްކަތްކުރާ ގޮތެވެ.

ގޭގައި ހުންނަ މަސްޓޭންކް ބޭނުންކޮށްގެން ވެސް ފިގާރ:1.1ގައި އެވާފަދަ އެކުއަޕޯނިކްސް ސިސްޓަމެއް ހެދިދާނެއެވެ. މި ސިސްޓަމް ހެދުމަށްޓަކައި ބޭނުންވަނީ މަސްޓޭންކަކާއި ފުޅިމަދު ފޮށިގަނޑެކެވެ. ފުޅިމަދު ފޮށިގަނޑެއްގެ ބަދަލުގައި ޕްލާސްޓިކް ޓްރޭއެއްފަދަ އެއްޗެއްވެސް ބޭނުންކުރެވިދާނެ އެވެ. މަސްޓޭންކުގައި ބޭނުންކުރާ ޕަންޕުން އަންނަ ފެން މިފޮށިގަނޑުގެ އެއްކޮޅުގައި ހުންނަ ފެންސާފުކުރާ ބަޔަށް ގުޅާނީއެވެ. ހޮޅީގެ ކޮޅު އިންނަންވާނީ އަޑީގައެވެ. ފިލްޓަރުކުރާ މީޑިއަމްއަކަށް ބޭނުންކުރަން ސްޕަންޖް ފަދަ އެއްޗެއް ވެސް ރަގަޅުވާނެއެވެ. ފިލްޓަރުކުރާ ބައިގެ ގޮތުގައި ތިރިކޮށް ހުންނަ ބިއްލޫރި ފުޅިއެއްވެސް ރަގަޅު ވާނެއެވެ. އެފުޅިއަށް ސްޕަންޖު އަޅައި ހޮޅީގެ ކޮޅު ސްޕަންޖުގެ އަޑިޔަށް ލާނީއެވެ.  ފޮށިގަނޑުގެ އަނެއްކޮޅުގައި ހުންނަ ހޮޅިގަނޑަކުން ޓޭންކަށް ފެން ދާން ޖެހެއެވެ. މިއީ 1/2 އިންޗި ފަލަ، 2 އިންޗި އުސް ހޮޅިބުރިއެކެވެ. ހޮޅިގަނޑުގެ ބުޑުން ޓޭންކަށް ފެން ނޭޅޭގޮތަށް ހުންނަންވާނީ ބައްދާފައެވެ. އަނެއްގޮތަކީ ފުޅިމަދު ފޮށިގަނޑުގެ އަރިމަތިން ރަބަރުހޮޅިއަކުން ޓޭންކަށް ފެންދާގޮތައް ހެދުމެވެ. ފޮށިގަނޑުގެ މަތިގަނޑުގައި ބައު ކަނޑައި، އެތަންތަނުގައި ގަސްއިންދާފައި ހުންނަ ނެޓްޕޮޓުތަކުފެ ފޫ ފެނުގައި ޖެހެންޖޭނެއެވެ. ފޮށިގަނޑު ކަފައި އެމިންވަރަށް ޖެހޭނީ ތިރިކުރާށެވެ. އެކަށީގެންވާ ގޮތަށް އަލި ނުލިބޭތަނެއްގައި ޓޭންކް ބަހައްޓާނަމަ ގަސްތަކަށް އަލި ލިބޭގޮތަށް ބޮތްކެއް ދިއްލާފައި ބެހެއްޓިދާނެއެވެ. މި ސިސްޓަމުގައި ތަފާތު ބާވަތްތަކުގެ މައު އަޅާގަސްގަހާއި ލެޓިއުސްފަދަ ތަރުކާރީ ހެއްދޭނެއެވެ. މިއީ ސްކޫލުތަކުގެ ދަރިވަރުން މިފާޑުގެ ދަނޑުވެރިކަމަށް އަހުކުވެރިކުރުވަން ހެދިދާނެ ސިސްޓަމެއް ވެސްމެއެވެ،

ފިގާރ 1.1: މަސްޓޭންކު ބޭނުންކޮށްގެން ހެދިދާނެ އެކުއަޕޯނިކްސް ސިސްޓަމްއެއް

 

ޓޭންކުގައި ދިރިއުޅޭމަހުގެ ހަށިގަނޑުންބޭރުކުރާ ނަޖިހުގައި އެމޯނިޔާ ހުރެއެވެ. މަސްތައް ފުރިހަމަ ސިއްޙަތެއް ބޭތިއްބުމަށްޓަކައި މި އެމޯނިޔާ ފެނުން ވަކިކުރަން ޖެހެއެވެ. މަސް ޓޭންކްތަކުގައި ހަރުކޮށްފައިހުންނަ ފިލްޓަރުން އާންމުކޮށް ކުރަނީ އެ މަސައްކަތެވެ. މި ސިސްޓަމުގައި ބޭނުންކުރާ ފިލްޓަރުގެ އެންމެބޮޑު ބޭނުމަކީ މަސް ނުކައި ބާކީވާ ކާނާއާއި ބޮޑެތި އެތިކޮޅުތަކުން ފެންގަނޑު ކިލަނބުވުން ހުއްޓުވުމެވެ. މި ފިލްޓަރިންގ ސިސްޓަމަކީ ބެކްޓީރިޔާތަކުގެ ގެއެވެ. މީގެ އިތުރަށް ރިޒަވަޔާގެ އެތެރެފަރާތާއި ގަހުގެ މުލަކީވެސް ބެކްޓީރިޔާ އާލާވާ ތަންތަނެވެ. މި ސިސްޓަމުގައި ދެ ބާވަތެއްގެ ބެކްޓީރިޔާ އާލާވެއެވެ. ނިއަޓްރޯސޮމޮނަސް ބެލެޓީރިއާ، އެމޯނިޔާ ނައިޓްރައިޓަށް ބަދަލުކޮށްލައެވެ. އެއަށްފަހު ނައިޓްރޯބެކްޓަރ ނައިޓްރައިޓް ނައިޓްރޭޓަށް ބަދަލުކޮށްލައެވެ. އަދި މިނައިޓްރޭޓް ކާނާގެގޮތުގައި ގަހުގެ މުލުން ގަހަށް ނަގައެވެ. މި ސިސްޓަމްގައި ގަސްއިންދުމުގެ ކުރިން 4 ވަރަކަށް ހަފްތާވަންދެން ރިޒާވަރގެ ގަސްހައްދާ ބައިގައި، ފެން ދައުރުކުރުވަން ޖެހެއެވެ. އެއީ ސިސްޓަމްގައި ބޭނުންތެރި ބެކްޓީރިއާ އަލާކުރުވުމަށެވެ. ސިސްޓަމުގައި ކުޑަކުަޑަ ދެތިންމަސް އިންނަނަމަ ފިލްޓަރިންގ ސިސްޓަމެއް ކޮންމެހެން ބޭނުމެއްވެސް ނުވާނެއެވެ. ނަމަވެސް މަސްތަކުގެ ސިއްޙަތު ރަގަޅުކުރުމަށްޓަކައި ރިޒަވަޔާރ އާއި ގަސްހައްދާބައި ހުންނަންޖެހޭނީ ވަކިކުރެވިފައެވެ. ފިގާރ: 1.2 ގައި އެވަނީ ވަރަށް އާދައިގެ ސިސްޓަމެކެވެ. ވަށިތަކުގެ ފޫ ޖެހޭހިސާބު އިންޗިއެއްގެ އަޑި ފެންފޮދެއް ވެއެވެ. 

ފިގާރ 1.2: ވިއްކަން ހުންނަ އެކުއަޕޯނިކްސް ސިސްޓަމެއް